ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް ސަރުކާރުގެ އިތުބާރު އެބައޮތްކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "ރާއްޖެ އެމްވީ"އަށް ވިދާޅުވީ މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅުން މަޖިލީހަށް ވައްދާފައިވާއިރު، ސަރުކާރުގެ ފުރިހަމަ އިތުބާރު މިނިސްޓަރ ޒަހާއަށް އެބައޮތް ކަމަށެވެ. ސަރުކާރަށް އަދި ރައީސް ސޯލިހަށް އިތިބާރު ނެތް ވަޒީރަކު މަގާމުގައި ނުބަހައްޓަވާނެކަމަށް ރައީސް ވިދާޅުވިކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ އިތުބާރު ނޯންނާނެވަރުގެކަމެއް އެކަމަނާ ކުރެއްވިނަމަ މިހާރު މަގާމުގައި ނުހުންނަވާނެ ކަމަށެވެ. އަދި މިނިސްޓަރ ޒަހާ ސަރުކާރުގެ އިތުބާރު ގެއްލޭނެ ވަރުގެކަމެއް ކުރައްވާފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކް މިހެން ވިދާޅުވިއިރު މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން ސަރުކާރު ހިންގާ މައި ޕާޓީންވެސް ވަނީ މަޖިލީހަށް ވައްދައި ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައެވެ. އެއީ މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ނުހަދާހުރުމުގެ ސަބަބުންނެވެ. ނަމަވެސް އެގަވާއިދުތައް ހެދުމާ ގުޅިގެން އެމައްސަލަ ކުރިޔަށް ގެންގޮސްފައެއްނުވެއެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ބަލައި މަގާމުން ވަކިކުރާ މައްސަލައި ރައީސް ވިދާޅުވެފައިވަނީ ވަޒީރަކާމެދު އިތުބާރު ނެތްކަމުގެ މައްސަލައެއް އުޅޭނަމަ އަދި މަޖިލީހުން އެއްވެސް ވަޒީރަކަށް އިތުބާރު ކުރެވެން ނެތްކަމަށް ގަބޫލުކުރާނަމަ އެންމެ ރަނގަޅުގޮތަކީ އެކަމެއްވީ އެންމެ އަވަހަކަށް އެމަނިކުފާނަށް ގެންދިއުން ކަމަށެވެ. އަދި އެކަން އެންމެ ފުރަތަމަ ހައްލުކުރަން މަސައްކަތް ކުރައްވާނީ ވެރިންނާ މަޝްވަރާކޮށްގެން ކަމަށާއި، އިތުބާރު ނެތް އެއްވެސް ވަޒީރަކު ނުބަހައްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި އިތުބާރު ނެތް ނަމަ އެ ވަޒީރަކު ހުދު އެމަނިކުފާނު، މަގާމުން ވަކިކުރައްވާނެ ކަމަށާއި އެއީ ޒާތީވުން ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ވަނީ މި މައްސަލަ ހުށަހަޅަނީ މަސްވެރިކަމާގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރަށް އަދާނުކުރެވޭތީއާއި ޒަހާ އެމަގާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނެ ކަމެއްކަމަށްވާތީ ކަމަށެވެ.
މީގެއިތުރުން ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވި މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވޭކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތެއް ނުހަދައި ދިވެހި އިގްތިޞާދުގެ ރޫފަހެޔޮ ނުކުރެވި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައިނުދެވޭ ކަމަށްވެސް ބުނެފައިވެއެވެ.