Advertisement
ކ. މާލެ
|
3 މެއި 2017 | ބުދަ 17:09
ގުޅީ ކައުންސިލަށް ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓުންގެ ޕޯސްޓަރެއް، ޝަބީންގެ ފޮޓޯ ހިމަނާފައެއް ނުވޭ
ގުޅީ ކައުންސިލަށް ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓުންގެ ޕޯސްޓަރެއް، ޝަބީންގެ ފޮޓޯ ހިމަނާފައެއް ނުވޭ
ޓްވިޓަރ
ކައުންސިލް އިންތިޚާބު
މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ޕީޕީއެމްގެ ކެނޑިޑޭޓަކަށް ޖަލު ހުކުމެއް، ކެނޑިޑެސީ ބާތިލް ކުރަން ހުށަނާޅާ!
އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް
ހުކުމެއް އިއްވި ކަމެއް އިލެކްޝަންސް ކޮމިޝަނަކަށް ނޭނގޭ
ޖިނާއީ ކުށެއްގެ އަދަބު ތަންފީޒްކުރާ މީހަކަށް ވާދައެއް ނުކުރެވޭނޭ

ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ކ. ގުޅީ ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓެއްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާއިރު ވެސް، ކެނޑިޑެސީ ބާތިލް ނުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

 

ގުޅީ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ އަހުމަދު ޝަބީންގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ، އޭނާ އެއްއަހަރާއި ހަތް މަސް ދުވަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މާޗް މަހުގެ 8 ވަނަ ދުވަހު އެވެ. 

 

މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ އެކައުންޓުގައި ފައިސާ ނެތީސް، ޖުމްލަ 4000 ޑޮލަރުގެ ޑޭޓެޑް ޗެކްތަކެއް އޭނާ ސޮއިކޮށް މީހަކަށް ދިން މައްސަލައިގަ އެވެ. އެ ޗެކްތަކަށް ފައިސާ ނަގަން ދިއުމުން އެކައުންޓުގައި ފައިސާ ނެތްކަން އެނގުމާއެކު ޗެކްތަކުގައިވާ ފައިސާ ދެއްކުމަށް ހަތް ދުވަހުގެ ފުރުސަތެއް އޭނާއަށް ދިނެވެ. ނަމަވެސް އެ ފުރުސަތުގައި ވެސް ފައިސާ ދައްކާފައިނުވާތީ ދައުވާކޮށް މައްސަލައިގެ ޝަރީއަތް ހިންގަން ފެށުނެވެ. މައްސަލައިގެ ޝަރީއަތުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.

 

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް(އެމްސީއެސް) އިން ވަނީ އެ ހުކުމާ އެއްގޮތަށް ޝަބީންގެ ޖަލު ހުކުމް ތަންފީޒްކުރަމުންދާކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފަ އެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދެ ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތުގައި ޖިނާއީ ކުށެއްގެ އަދަބު ތަންފީޒް ކުރަމުންދާ މީހަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ. ހަމަ އެ މާއްދާގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތުގައި ޚިޔާނާތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެސް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އެފަދަ ކުށެއް ސާބިތުވެފައިވާ ނަމަ ގާނޫނުގައި ބުނާ ޝަރުތުތައް އެމީހެއްގެ ފުރިހަމައެއް ނުވެ އެވެ.

 

ޝަބީންގެ ކެނޑިޑެސީ ބާތިލްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިނުވާއިރު، އިދިކޮޅު ޕާޓީތަކުގެ ބައެއް ކެނޑިޑޭޓުންގެ އެފަދަ މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅަައިގެން ކެނޑިޑެސީ ވަނީ ބާތިލް ކޮށްފަ އެވެ. އެގޮތުން ވިލުފުށީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ހުސެއިން ޖަބީންގެ ކެނޑިޑެސީ ވަނީ ބާތިލް ކޮށްފަ އެވެ. 

 

ޝަބީންގެ ކެނޑިޑެސީ ބާތިލްކުރަން ހުށަހަޅާފައިނުވަނީ ކީއްވެތޯ ރާއްޖެއެމްވީ އިން ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ޝަބީން ހުށަހެޅި އެޕްލިކޭޝަން ފޯމްގައި ހުރިހާ މަރުހަލާއަކުން ވެސް ކުށުގެ ރެކޯޑް ސާފުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެފަދަ ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާކަމެއް އެއްވެސް މުއައްސަސާއަކުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިނުވާ ކަމަށާއި އެއްވެސް ފަރާތަކުން އެކަމާ ގުުޅިގެން ޝަކުވާއެއް ވެސް ކޮށްފައިނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

 

މިހާރު އޮތް ގޮތުން ނަމަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގައި، ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާ ޝަބީންގެ ނަން އޮންނާނެ އެވެ. ގުޅީ ކައުންސިލަށް ޕީޕީއެމް އިން ވާދަކުރާ ކެނޑިޑޭޓުންގެ ޕޯސްޓަރުތަކުގައި ޝަބީންގެ ފޮޓޯ ހިމަނާފައެއް ނުވެ އެވެ. އެހެން ކެނޑިޑޭޓުންގެ ނަމާއި ފޮޓޯ ޖަހާފައިވާއިރު، ޕޯސްޓަރުގައި ވަނީ ހަމައެކަނި ޝަބީންގެ ނަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް