ކޮވިޑް-19އާއި ގުޅިގެން ޑްރައިވިންގ ސްކޫލުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް ޓްރާންސްޕޯޓު މިނިސްޓްރީން އެދެވޭ ޖަވާބެއް ދީފައި ނުވާކަމަށް ބުނެ ޑްރައިވިންގ ސްކޫލުތައް ތަމްސީލުކުރާ ފަރާތްތަކެއް ނިކުމެ އެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހިއްސާ ކޮށްފިއެވެ.
ޑްރައިވިންގ ސްކޫލުތަކުގެ ކަންބޮޑުވުންތައް ފާޅު ކުރުމަށް އާދީއްތަ ދުވަހު ކުރި އިހުތިޖާޖެއްގައި، އެ އިހުތިޖާޖުގެ ބައިވެރިން ބުނީ މި މައްސަލަ މަޖިލީހާއި ހަމައަށް ގެންނަން ޖެހުނީ އެތައް ފަހަރެއްގެ މަތިން ކޮވިޑާއިއެކު އެ ސްކޫލުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާއި ހިއްސާ ކުރެވި އެދެވޭ ޖަވާބެއް ނުލިބުމުން ކަމަށެވެ.
މި އިހުތިޖާޖުގެ ބައިވެރިން ބުނެފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީއަށް ވަރަށް ގިނަ ފަހަރު ގުޅިއްޖެ ކަމަށާއި ނަމަވެސް ފޯނު ނުނަގާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް ހުރި ކަންބޮޑުންތައް ފާޅު ކުރުމަށް އިހުތިޖާޖެއް ކުރަން ޖެހޭކަން ފާހަގަކޮށް އިހުތިޖާޖުގެ ބައިވެރިން ބުނީ ޑްރައިވިންގ ސްކޫލުތަކަށް ކޮވިޑާއިއެކު ދިމާވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ވަމުން ދާކަމަށެވެ.
އެގޮތުން ލައިސަންސު ނަގަން ބޭނުންވާ ކުދިންނާއި، ޑްރައިވިންގ ސްކޫލުތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ވެސް ތަފާތު އެކިއެކި، ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށް މި އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބައްދަލު ވުމުން އުފާވެއްޖެ ކަމަށާއި ރައީސް ވިދާޅުވީ މަޖިލީހެއް ހުށައެޅުމަށް ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ. އަދި ރައީސް ނަޝީދު އެދުނު ފަދައިން ވަގުތުން ވަގުތަށް ހުރި ކަންބޮޑުވުންތައް މަޖިލީހާ ހިއްސާ ކުރުމަށް ސިޓީ ލާނެ ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީހުން ވެސް އެދެވޭ ޖަވާބެއް ނުލިބޭނަމަ މި އިހުތިޖާޖުތައް ކުރިިއަށް ގެންދާނެ ކަމަށް ބައިވެރިން ވަނީ ބުނެފައެވެ. ޑްރައިވިންގ ސްކޫލްތަކުން މަޖިލިސް ދޮށަށް އެއްވެ އަޑު އުފުލާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު ޓްރާންސްޕޯޓް މިނިސްޓްރީތެރޭގައި ވެސް އަޑުއުފުލުމަށްފަހު މިނިސްޓްރީގެ ފަރާތުން އެދެވޭ ހައްލެއް ފޯރުކޮށްދީފައި ނުވާތީއެވެ.