ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދުރޯ އަދި އަނބިކަނބަލުން ސިލިއާ ފްލޮރެސް ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.
އެގައުމުގައި ޖަހަމުން އަންނަނީ ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ކަމުގައިވާ ސްޕަޓްނިކް ވީ ވެކްސިނެވެ. އެގޮތުން ރައީސްގެ ދެކަނބަލުން ވެސް މި ވެކްސިން ޖައްސަވާފައިވާއިރު ވެކްސިން ޖަހާ މަންޒަރު ވަނީ އެގައުމުގެ ހުރިހާ ރައްޔިތުންނަށް އާއްމުކޮށް ދައްކާލާފައެވެ.
ވެކްސިން ޖެއްސެވުމަށް ފަހު ރައީސް ނިކޮލަސް ވިދާޅުވީ ހާލު ރަނގަޅު ކަމަށާއި އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވެކްސިން ގަބޫލު ކޮށްފައިވާ އިރު މިއީ ރަނގަޅު ވެކްސިނެއް ކަމަށް ނިކޮލަސް ވިދާޅުވިއެވެ. މީގެ އިތުރުން ވެނެޒުއޭލާގެ ކޮންމެ ރައްޔިތަކަށް ވާވަރަށް ވެކްސިން ހޯދާނެ ކަމުގެ ފުރިހަަމަ ޔަގީންކަން ރައީސް ނިކޮލަސް އަރުވާފައިވެއެވެ.
ވެނެޒުއޭލާއިން 200 މިލިއަން ޑޮލަރު ރަޝިޔާގެ ވެކްސިނުގެ 10 މިލިއަން ޑޯޒް ގަތުމަށް ހަރަދު ކޮށްފައިވާއިރު އެގައުމަށް މި ވެކްސިނުގެ އެންމެ ފުރަތަމަ ޝިޕްމަންޓު ލިބިފައިވަނީ ފެބްރުއަރީ 13 ވަނަ ދުވަހުގައެވެ. މި ޝިޕްމަންޓޫގައި ވެކްސިނުގެ އެއް ލައްކަ ޑޯޒް ލިބިފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ދިނުމަށް އިސްކަން ދޭނީ ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް ނިކޮލަސް ވިދާޅުވިއެވެ.