ފަނޑިޔާރަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލޭ ސިޓީކައުންސިލްގެ މެމްބަރު ޒައިދުލް އަމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީޢަތުގައި އޭނާ އާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފިއެވެ.
އަންގާރަ ދުވަހުގެރޭ ކުރިއަށްދިޔަ ޝަރީޢަތުގެ މަޖިލީހުގައި ޒައިދުގެ މައްޗަށް ދައުލަތުން ކުރާ، ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމަށް މަސައްކަތް ކުރުމާއި، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމާއި ހުއްދަ ނޫންގޮތުގައި މައުލޫމާތު ހާމަކުރުމަށް މަސައްކަތް ކުރުމުގެ ދައުވާއަށް ޖަވާބުދާރީ ވުމަށް ފުރުޞަތު ދިނުމުން، ޒައިދު ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
މީގެ ކުރިން މި މައްސަލައިގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައިވެސް ދައުވާއަށް ޒައިދު އިންކާރުކޮށްފައިވާއިރު، ޝަރީޢަތް ނިމެންދެން ހޯމްމިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޒައިދު ބެހެއްޓުމަށް ދައުލަތުން އެދުނު ގޮތަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރު އަހުމަދު ޝަކީލް ވަނީ އެ މަޖިލީހުގައި އަމުރު ނެރުއްވައިދެއްވާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޒައިދުލް އަމީންގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ، އަންގާރަ ދުވަހުގެރޭގެ ޝަރީއަތުގެ މަޖިލިހުގައި ދައުލަތުން ޒައިދާއި ދެކޮޅަށް ސިއްރު ދެ ހެކިން ހުށަހަޅާފައިވާ ކަމަށާ، މި ދެ ހެކިންގެ ހެކިބަސް ނެގުން ދެން އޮންނަ އަޑުއެހުމުގައި ކުރިއަށްދާނެ ކަމަށެވެ. މަހުފޫޒު ވިދާޅުވީ މި މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވަން ނިންމާފައިވަނީ މޭ 7 ވާ އާދީއްތަ ދުވަހުގެރޭ 8 ޖަހާއިރު ކަމަށެވެ.
އަންގާރަ ދުވަހުގެރޭގެ ޝަރީއަތުގެ މަޖިލީހުގައި ޒައިދުގެ ފަރާތުން އޭނާގެ ބަންދާއި ގުޅޭ ކަންތައްތަކެއް ހައްލުކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ. އެގޮތުން، މާލޭ ޖަލުގައި ޒައިދު ބަންދުކޮށްފައިވާ 7 ފޫޓު، 10 ފޫޓު ގޮޅީގައި ޖުމްލަ 7 މީހުން ތިބޭއިރު، އޭގެތެރެއިން ބައެއް މީހުންނަނީ ޙުކުމް ތަންފީޒު ކުރަމުންދާ މީހުން ކަމަށާ، މާލޭ ޖަލަކީ ރިމާންޑް ޖަލަކަށް ވާއިރު، އެތަނުގައި ޙުކުމް ތަންފީޒު ކުރާ މީހުން ތިބެގެން ނުވާނެކަން ޒައިދުގެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.
އަދި ހަމަމިއާއިއެކު، ޒައިދު ހުންނަ ގޮޅީގައި ފާހާނައެއް ނުހުންނަ ކަމަށާ، ފާހާނަކުރަން ޖެހޭ ކޮންމެ ފަހަރަކު، ފާހާނައަށް ގެންގޮސްދިނުމަށް ޑިއުޓީ އޮފިސަރަށް އާދޭސް ދަންނަވަން ޖެހޭ ކަމާއި، ޒައިދު ކައިބޮއި ހެދުމަށް ވަކި ތައްޓެއް ހަމަޖައްސާފައި ނެތުމުން، ޒައިދު ކައިބޮއި ހަދަން ޖެހެނީ އެހެން ގައިދީން ކައިބޮއެހަދާ ތަށީގައިކަންވެސް ޒައިދުގެ ފަރާތުން ޝަރީއަތުގައި ފާހަގަކުރިއެވެ.
މީގެ އިތުރުން، ކަސްރަތުކުރަން ދުވާލަކު އެއްގަޑިއިރު، ގޮޅިން ބޭރަސް ނެރެން ޤާނޫނު ލާޒިމް ކުރި ނަމަވެސް، ޒައިދުއަށް އެ ފުރުޞަތުވެސް ނުލިބޭކަންވެސް ޒައިދުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އަދި ޙުކުމް ތަންފީޒުކުރާ މީހުން ބަންދުކުރާ މާފުށީ ޖަލަށް ޒައިދު ބަދަލުކުރާނެކަން ކަރެކްޝަނުން އަންގާފައިވާތީ އެކަން ހުއްޓުވައިދިނުމަށްވެސް ޒައިދުގެ ފަރާތުން ވަނީ އެދިފައެވެ.
ޒައިދު ހައްޔަރުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން 16 ފަހަރު މުއްދަތު ޖެހުމަށްފަހު ޒައިދު މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ޒައިދަކީ ދެކަފިވެފައިވާ ޕީޕީއެމް ރައީސް މައުމޫނު ފެކްޝަނަށް ނިސްބަތްވާ ރައީސް މައުމޫނުގެ ސަޕޯޓަރެކެވެ.