މި ސަރުކާރުން ގަބޫލު ނުކުރާ ސިޔާސީ ފަލްސަފާ އަކަށް ބަލާ ފުލުސް އޮފީހަށް ހާޒިރުކޮށް މައްސަލަތައް ބަލަމުންދާ ކަމަށް މައްޗަންގޯޅި އުތުރު ދައިރާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ސިޔާސީ ވަކި ފިކުރަކަށް ތާއީދު ކުރުމުގެ ސަބަބުން ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެންޖެހިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ގައުމުގެ ހާލަތު ކަންބޮޑުވާ ހިސާބަކަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، ކުރީގެ ރައީސް ނަޝީދަކީ ޓެރަރިސްޓެކޭ ބުނެ، ހުކުމްކޮށްފައިވާ އިރު އެ ހުކުމަކީ ރަގަޅު ހުކުމެއް ނޫން ކަމަށާއި ޝަރީއަތް ހިންގާފައި ވަނީ ރަގަޅަށް ނޫން ކަމަށް އދ އިން ވެސް ހާމަކޮށްފައިވާ ކަމަށެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައިވާ ކުރުން ފާހަގަކޮށް މާރިޔާ ވިދާޅުވީ، މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް އާއި ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރާ ދައުވާ ތަކަކީވެސް ސިޔާސީ މަގްސަދު ތަކެއް ހާސިލް ކުރުމަށް ކުރަމުންދާ ދައުވާ ތަކެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ، އިންސާފުން ނޫން ގޮތަށް އެންމެ ދުވަހަކުވެސް ޖަލުގައި ހުންނަން ޖެހުމަކީ ލާއިންސާނީ ވުން ކަމަށެވެ. ގާސިމްގެ މައްސަލައިގައި ކުނޫޒް ޖަލްސާގައި އެންމެންނަށް އިވޭގޮތަށް ސާފުކޮށް ދެއްކި ވާހަކަ ފިޔަވައި، ގާސިމްގެ މައްޗަށް އިތުރު ވެސް އެއްޗެސް ފުލުހުންނަށް ނުދެއްކޭ ކަމަށް އޭނާ ވިދާޅުވިއެވެ. ގާސިމް އެ ދެއްކެވި ވާހަކަފުޅަކީ އާންމުކޮށް މީހުން ދައްކާ ވާހަކައެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
"މިހުރިހާ ކަމެއް މިހެން ހިނގަމުންދާ އިރު ލާއިންސާނީ އަނިޔާ އަކީ ހަމައެކަނިގޮސް ޖަލުތެރޭގައި ތެޅުން އެކަންޏެއް ނޫން. އިންސާފުން ނޫން ގޮތަށް އެންމެ ދުވަހަކުވެސް ޖަލުތެރޭގައި އިންނަން ޖެހުމަކީ ހަމައެވެސް ލާއިންސާނީ އަނިޔާއަކަށް ބެލެވޭނެ. ހުކުމްކޮށްފައި ތިބޭ މީހުން ވިޔަސް، އަޅުގަނޑުމެންނަށް މިހާރު އެނގޭ ގޮތުގައި މި ސަރުކާރުގައި ކުޑަދުވަސް ކޮޅެއް ނަމަވެސް ނައިބު ރައީސްކަން ކުރައްވާދައި ބޭފުޅެއް އަހްމަދު އަދީބަކީ. އެމަނިކުފާނުވެސް ޖަލުގެ ތޭރިތަކުގައި މީހަކާއި އަގައިން ނުބުނެ އިންނަތާއި 18 މަސް ދުވަސް ވެއްޖެ." މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވަނީ ސިޔާސީ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ހުރިހާ ލީޑަރުން ދޫކޮށްލުމަށް ގޮވާލައްވާފަ އެވެ. އަދި ފުލުސް އޮފީހަކީ ސިޔާސީ މައްސަލަތައް ބަލާއި ތަނަކަށް ނުހެދުމަށާއި ކޯޓުތައް ސިޔާސީ ނުވުމަށް އޭނާ ގޮވާލައްވި އެވެ.
ގާސިމް އިބްރާހިމް ދޫނިދޫގައި ބާއްވާ ކުޑަ ގޮޅި ދައްކުވައިދޭ ގޮތަށް ކުނޫޒު ޖަލްސާގެ ސްޓޭޖް ފަހަތުގައި ވަނީ ޖަލުގެ ކުޑަ ގޮޅިއެއް ހަދައިފަ އެވެ.