މިހާރު ކުރިއަށްދާ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ފައިނަލަށް ދިޔަ ސްކޫލްތައް ކަށަވަރުވެއްޖެއެވެ.
މިހާތަނަށް އެންމެ ގިނަ ޓީމުތަކާއެކު ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފައިވާ ސްކޫލްތަކަކީ ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި މުހުޔިއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލާއި މާފުށީ ސްކޫލާއި ތާޖުއްދީން ސްކޫލް އަދި ކަލާފާނު ސްކޫލެވެ.
މި މުބާރާތުގެ ބާރަ އަހަރުންދަށުގެ އަންހެން ކުދިންގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު ހަވީރެވެ. އަދި މި އުމުރުފުރާގެ ފިރިހެން ބައިން ފައިނަލަށް ދަތުރުކޮށްފައި ވަނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެރޭ އެވެ.
މުބާރާތުގެ 14 އަހަރުންދަށުގެ އުމުރުފުރާގެ ތެރެއިން އަންހެން ކުދިންގެ ބައިން ފައިނަލަށް ދަތުރުކޮށްފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި މުހްޔިއްދީން ސްކޫލެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު ހަވީރެވެ.
މި އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިގެ ފައިނަލަށް ތާޖުއްދީނާއި ދަރުމަވަންތަ ސްކޫލް ދަތުރުކޮށްފައިވާ އިރު، މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭއެވެ.
މި މުބާރާތުގެ 16 އަހަރުންދަށުގެ ފިރިހެން ކުދިންގެ ބައިން ފައިނަލަށް ދަތުރުކޮށްފައި ވަނީ ދަރުމަވަންތަ ސްކޫލާއި މުހްޔިއްދީން ސްކޫލެވެ.
މި އުމުރުފުރާގެ ފައިނަލަށް ދަރުމަވަންތަ ސްކޫލް ދަތުރުކުރީ އަންގާރަ ދުވަހު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި އިސްކަންދަރު ސްކޫލާ ވާދަކޮށް 14 ޕޮއިންޓް 4 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދަރުމަވަންތަ ސްކޫލުގެ އިބްރާހިމް އައިމަން އަސްލަމެވެ. މި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު ހަވީރެވެ.
މި އުމުރުފުރާގެ އަންހެން ބައިގެ ފައިނަލަށް މާފުށީ ސްކޫލާއި ތާޖުއްދީން ސްކޫލް ދަތުރުކޮށްފައިވާ އިރު، މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުއެވެ.