ކ. މާލެ
|
3 މެއި 2017 | ބުދަ 00:09
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބީޖީ އާއި ޒެފްރޯލް ބައްދަލުކުރި މެޗުގެ ތެރެއިން
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބީޖީ އާއި ޒެފްރޯލް ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އެމްވީ
ދެވަނަ ޑިވިޝަން
ބީޖީ ބަލިކޮށް ޒެފްރޯލް ސެމީ ފައިނަލަށް
ގްރޫޕް ދޭއްގެ ސެމީގެ ޖާގަ ހޯދި ފުރަތަމަ ޓީމަކީ ޒެފްރޯލް
ގްރޫޕް އެކަކުން ކުޑަ ހެންވޭރު ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފަ

ބީޖީ ސްޕޯޓްސް ކްލަބު 0-2 އިން ބަލިކޮށް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ދޭއްގެ ސެމީ ފައިނަލަށް ކްލަބު ޒެފްރޯލް ދަތުރުކޮށްފިއެވެ.

މާފަންނު ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ދެޓީމުން ވެސް ވަނީ ލަނޑުޖެހުމަށް ބުރަކޮށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފު ފެށިގެން ޒެފްރޯލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ބިދޭސީ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ޓީމުން ވަނީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މިލަނޑު 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބޫ ޑެސްމަން މަންސާރޭ އެވެ.

ޒެފްރޯލްގެ މި ލަނޑާއެކު ދެން ފެނިގެންދިޔައީ ބީޖީގެ ކުޅުންތެރިން ކުރިއަށްޖެހި ލަނޑެއް ޖެހުމަށް ބުރަކޮށް މަސައްކަތްކުރި ތަނެވެ. އެގޮތުން އެޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިން ވަނީ ޒެފްރޯލްގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ވަރު ފޮނުވާލާފައެވެ.

މި މެޗުގައި ޒެފްރޯލުން ކާމިޔާބުކުރި ދެވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ފުރުގާން އެވެ. އަދި މި ލަނޑަށްފަހު ވެސް ޒެފްރޯލަށް ވަނީ ލަނޑުޖެހުމަށް ފަހު ވަގުތުގައި ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ގްރޫޕް ދޭކުން ސެމީގެ ފުރުސަތެއް ޒެފްރޯލަށް ލިބިގެންދިޔަ އިރު، މި ގްރޫޕުން ސެމީއަށްދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ ބުރާސްފަތި ދުވަހު ވީކޭ ސްޕޯޓްސް ކްލަބާއި ކްލަބު ޕީކޭ ބައްދަލުކުރާ މެޗަށްފަހު އެވެ.

މީގެ އިތުރުން ގްރޫޕް އެކަކުން ސެމީގެ ފައިނަލުން ކުޑަހެންވޭރު ޔުނައިޓެޑް ވަނީ ޖާގައެއް ހޯދާފައެވެ. އަދި މި ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ ބުދަ ދުވަހު ޖޭޖޭ ސްޕޯޓްސް ކްލަބާއި މެކާނޯ ބައްދަލުކުރާ މެޗަށްފަހު އެވެ.

- ކޮމެންޓް