Advertisement
ކ. މާލެ
|
2 މެއި 2017 | އަންގާރަ 22:26
ރައީސް މައުމޫނާއި ރައީސް ޔާމީން، ރައީސް އޮފީހުގައި ސަލާމްކުރައްވަނީ
ރައީސް މައުމޫނާއި ރައީސް ޔާމީން، ރައީސް އޮފީހުގައި ސަލާމްކުރައްވަނީ
ގޫގުލް
މައުމޫނުގެ ރައްދު ޔާމީނަށް
ސިޓީ ލިޔެ، އާދޭސް ނުކުރިޔަސް ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭނެ، ދެން ސިޓީއެއް ނުލިޔާނަން: ރައީސް މައުމޫން
ވަކި ބޭފުޅަކު މިނިވަން ކުރުމަށް، ނުވަތަ ވަކި ބޭފުޅަކަށް ދުއްތުރާ ނުކުރުމަށް އެދި ސިޓީ ލިޔާކަށް ނުޖެހޭ
ޤައުމީ މައްސަލަތަކުގައި މިހާތަނަށް ފޮނުވި ސިޓީތަކަށް ޖަވާބެއް ނުލިބޭ
ފެނިގެންދަނީ ސިޔާސީ ވާދަވެރިންނަށް ހަމަޔާއި އިންސާފުން ބޭރުން ދަތިކުރާތަން

ސަރުކާރަށް ސިޓީ ލިޔެ، އާދޭސް ނުކުރިޔަސް ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭނެ ކަމަށާއި، ދެން ސިޓީ ނުލިޔާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި ވެރިކަންކުރާ ޕީޕީއެމްގެ އިންތިޚާބީ ރައީސް، މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

 

އަވަށްޓެރި އިންޑިއާގައި ހުންނަވާ، ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވޭތުވެ ދިޔަ ދެތިން އަހަރުތެރޭގައި އެކިއެކި ބޮޑެތި ޤައުމީ މައްސަލަތަކާ ބެހޭގޮތުން ރައީސް ޔާމީނަށް ސިޓީ ފޮނުއްވާފައިވާނެ ކަމަށާއި، އެއިން އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބު ލިބިވަޑައިގެންފައި ނުވާކަމަށެވެ. އަދި ހަމައެއާއިއެކު، އެ ސިޓީތަކުގައިވާ މުހިންމު މައްސަލަތަކަށް ރައީސް ޔާމީން ވިސްނަވާވަޑައިގަންނަވާ ކަމުގެ އެއްވެސް ހެއްކެއްވެސް ލިބިފައި ނުވާ ކަމަށެވެ.

 

މިކަން މިހެން އޮތުމުން، ކޮންމެ ފަރާތަކުން އެދިވަޑައިގަތަސް އެއްވެސް ކަމަކާބެހޭގޮތުން އެ ފަރާތަށް އިތިރު ސިޓީއެއް ފޮނުވަން ޤަސްތު ނުކުރައްވާ ކަމަށްވެސް މި ބަޔާނުގައިވެއެވެ.

 

ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ރައްޔިތުން ސަރުކާރެއް ހޮވަނީ، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ރައްޔިތުންނާމެދު ހަމަޔާއި އިންސާފުން ޢަމަލުކޮށް، ރައްޔިރުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ކަމަށެވެ. އަދި މިކަންކަމަކީ ރައްޔިތުންގެ އެންމެން ވަކިވަކިން އާދޭސް ނުކުރި ނަމަވެސް ސަރުކާރުން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާ، އެ ކަންކަން އެހެން ކޮށްނުދެވޭ ނަމަ، އެ ސަރުކާރެއް އޮތުމުގެ ބޭނުމެއްނެތް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

 

ރައީސް މައުމޫންގެ މި ބަޔާނުގައި އެމަނިކުފާނު ވަނީ މިހާރުގެ ހާލަތައްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިހާރު ފެނިގެންދަނީ، ޤާނޫނާއި ހަމަޔާއި އިންޞާފުގެ ބޭރުން ސަރުކާރުން ސިޔާސީ ވާދަވެރިންނަށް އެކި ގޮތްގޮތުން ދަތިކޮށް، ފުލުސް އޮފީހަށާއި ކޯޓުތަކަށް ރެއާއި ދުވާލު ގެންގޮސް، ގޭގައި ނުވަތަ ޖަލުގައި ބަންދުކޮށް، އެކިއެކި ބޮޑެތި އަނިޔާތައް ދެމުން ގެންދާތަން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމަ މިއާއިއެކު ދެން ފެނިގެންދަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެ އިމްތިޔާޒާ ބެހޭ ޤާނޫނާ ޚިލާފަށް މެމްބަރުންގެ ގެތައް ފާސްކޮށް، ފޯނުތައް އަތުލައި، ރޭގަނޑު ދަންވަރު ވަގުތުތަކުގައި އެބޭފުޅުން ހައްޔަރުކޮށް ގެންދާތަނާއި، ދިހަ ބާރަ އަހަރު ކުރިން ހިނގާފައިވާ ކަމަށްބުނާ ކަންކަމާއި ގުޅުވައި، އެއްވެސް އަސާސެއް ނެތް ޚިޔާލީ ތުހުމަތުތަކެއް ކޮށްގެން އެބޭފުޅުންގެ އަބުރަށް އަރައިގަނެ، އެކިއެކި މުއައްސަސާތަކުން ސުވާލުކުރާތަންކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.  

 

ޤާނޫނާއި، އިސްލާމްދީނުގެ އުސޫލުތަކާއި ތަޢާރުޒުވާ އަދި ޑިމޮކޮރެޓިކް ހަމަތަކާ ފުށުއަރާ ނާއިންސާފު އަމަލުތައް ވަގުތުން ހުއްޓާލުމަށް ތަކުރާރުކޮށް ރައީސް މައުމޫން ގޮވާލައްވާފައިވާނެކަން ފާހަގަކުރައްވާ، އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ރައީސް ޔާމީނާއި މުއައްސަސާތަކަށް ފޮނުއްވަވާފައިވާ ސިޓީފުޅުތަކާއި، އާންމު ކުރާއްވާފައިވާ ބަޔާންތަކުގައި ސިޔާސީ ކުއްވެރިން ވަގުތުން ދޫކޮށްލުމަށާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހައްޔަރުނުކުރުމަށާއި ޝަރީޢަތައް ނުގެންދިޔުމަށާއި ކޮންމެ މީހަކަށްވެސް އިންސާފުވެރި ޝަރީއަތެއްގެ ފުރުސަތު ހޯދައިދިނުމަށް ގޮވާލައްވާފައިވާނެ ކަމަށެވެ. އެހެން ކަމުން ވަކި ބޭފުޅަކު މިނިވަން ކުރުމަށް ނުވަތަ ބަދަލު ހިފުމުގެ ރޫހުގައި ވަކި ބޭފުޅަކާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހުއްޓުމަކަށް ގެނެއުމަށް އެދި ވަކިފަރާތަކަށް ސިޓީ ލިޔަން ޖެހޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

 

ރައީސް މައުމޫން މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ، ވެރިކަންކުރާ ޕީޕީއެމުން އޭޕްރިލް 27 ވަނަ ދުވަހު "މަވެސް ޕީޕީއެމް" ގެ ނަމުގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން، މިހާރު އެއްގަލަކަށް އަރާވަޑައިގެން ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން ވަކިވަކިން ރައީސް ނަޝީދު ދޫކޮށްދެއްވުމަށް މަގުފަހި ކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދެއްވުން އެދި އެބޭފުޅެއްގެ ޕާޓީ، ނުވަތަ އަމިއްލަ ހައިސިއްޔަތުން ސިޓީއަކުން އެދިއްޖެ ނަމަ، އެ ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް