ލާމަރުކަޒުވުން ނޫން ގޮތެއް ނެތްކަމަށާއި، އެމްޑީޕީން އެ ބައްޓަމަށް ފެތިނިމިފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރަށްވެހި ފަތިސް ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އުފެދި އެކުލެވިފައި މިއޮތީ ލާމަރުކަޒީ ސިފަޔަށް ކަމަށާއި، ރާއްޖޭގައި މީހުން ވަޒަންވެރިވެ އާބާދުވެފައިވަނީ ލާމަރުކަޒީ ސިފައަށް ކަމަށެވެ. ދިވެހީންގެ ތަބީއަތާ އެއް ބައްޓަމަށް ދިވެހީންގެ ކަންކަން ލާމަރުކަޒީ ނިޒާމަކުން މެނުވީ ނުހިންގޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އަތޮޅުތަކާ ރައްތަަކަށް ބާރުތައް ލިބިދޭވާހަކަ މަޖިލިސްގޭގައި ދެކެވުނުއިރު އެއާ ދެކޮޅަށް ބަޔަކު ވަކާލާތުކުރިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެއީ ރައްޔިތުންގެ މައްޗަށް ހިންގި ވެރިކަން ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެކީކުރާ ވެެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިޒާމް ލާހިކުވެ ފައްކާވުމަށްޓަކާ، އެންމެ ފުރަތަމަ މިކަމަށް ރުހި ގަބޫލުވެ، ދަސްވެ އަހުލުވެރިވާން ޖެހޭ. އެމްޑީޕީއަކީ އެމީހުން. ދެން އަންނަން ޖެހެނީ އިންތިޚާބު ކުރެވޭ ކައުންސިލްތައް. ކެންޑިޑޭޓުން ތިޔަ ވާދަ ކުރައްވަނީ އެކަމަށް. އިންތިޚާބުވާ ކައުންސިލްތަކަކީ މިނިޒާމްގެ އިދާރީ އިންޖީނު. މިއާއެކުއެކީ ލާމަރުުކަޒުވުން ލާޒިމު ދާއިރާތަކެއް އެބަވޭ. މިގޮތުން އެންމެ ފުރަތަމަ ލާމަރުކަޒުވާން ޖެހެނީ ތަރައްޤީ. އެތަރައްޤީގެ އަސާސަކީ ތައުލީމާ ހުނަރު. އިންސާނީ ވަޞީލަތް. ހަމައެހެންމެ ޞިއްޙީ ދާއިރާ . ދިރިއުޅުމުގެ އަސާސީ ޒަރޫރަތުތައް. ވިޔަފާރިއާ އިގްތިޞޯދީ ޙަރަކާތް. ދަތުރުފަތުރާ މުވާޞަލާތުގެ ހުރިހާ ދާއިރާތައްރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ސަރުކާރުގެ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މުހިންމުކަން ފެނިފައިވާ ކަމަށާއި، ވަކިން ޚާއްސަކޮށް ސިއްހީ ދާއިރާ ލާމަރުކަޒުވުމުގެ ބޭނުންތެރިކަން ކަށަވަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މަސްވެެރިކަމާ ދަނޑުވެރިކަމަށް ބޭނުންވާ ސަރަހައްދީ އިންތިޒާމްތަކާއި ކެޕޭސިޓީ އިތުރު ކުރުމަށް މިފްކޯ އެގްރޯ ކުންފުނިންވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި އެސްއެމްއީ ލޯނުގެ ޒަރިއްޔާއިން އިގްތިޞާދުގެ ދިރުންކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަށްދާ ކަަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އިހްތިސޯސީ އިމުގެތެރޭން ރަށްތަކާ ބިންތަކުގައި ފަތުރުވެރިކަން ލާމަރުކަޒު ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައިވާ ކަަމަށާއި، ޑޮމެސްޓިކް އަދި އިންޓަރނެޝަނަލް އެއަރޕޯރޓްތައް ގިނަވެ ސްޕީޑް ފެރީ ވުޖޫދުވުމުން އިތުރަށް މިދުވެލިބާރު ވަމުންދާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އައު އިޞްލާހުތަކާއެކު މި ފަހަރު ހޮވޭ ކައުންސިލުތައް ވެގެންދާނީ ތަޞައްވަރު ކުރަމުން މިއަންނަ ފަދަ ފުރިހަމަ ކައުންސިލުތަކަށް ކަމަށެވެ. އަންހެން ބޭފުޅުންގެ ބައިވެރިވުމާއެކު ތަރައްގީގެ ކަންކަން ކުރުމަށް ގާނޫނު ލާޒިމުކޮށްފައިވާއިރު، ކައުންސިލުތަކުގައި އަންހެނުން ސާމިލުވާ އަދަދު އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކައުންސިލުތަކުގެ ދައުރު ބޮޑަށް ފުޅާވެގެންދާއިރު، ކައުންސިލުތަކުގެ އިހްތިޞާސްތައް ހިނގާ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަަމަށެވެ. އަދި މިކަމުގެ ސަބަބުން ކައުންސިލުތަކުގެ މިލްކުވެރިން އިތުރުވެ މާލީ ބާރުވެރިކަން ކައުންސިލުތަކަށް ބޮޑުތަނުން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.