ކޮވިޑް-19 ގެ ވައިރަސްގެ ޝިކާރައަކަށް ވަނީ ވަކި އުމުރު ފުރައެއް، ވަކި ޖިންސެއް، ވަކި ނަސްލެއް ބަލައިގެންނެއްނޫނެވެ. މުޅި ދުނިޔޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 112 މިލިއަނަށްވުރެ އިތުރުވެފައިވާއިރު މިބަލީގައި މަރުވި މީހުންގެ އަދަދު ދެ މިލިއަނަށްވުރެ މައްޗެވެ. މީގެތެރޭގައި ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުން ހިމެނެއެވެ. ރާއްޖެއަށް ބަލާއިރު މިހާތަނަށް އައިއިރު 19،038 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މިބަލީގައި 60 މީހުންގެ ފުރާނަ ވަނީ މިހާތަނަށް އައިއިރު ގޮސްފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އުމުރުފުރާތަކަށް ބަލާއިރު އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ މެދުގައި ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުން އަންނަ މިންވަރު އެހެން ހުރިހާ އުމުރުފުރައަކާ އަޅާބަލާއިރު ގިނައެވެ. އެއުމުރު ފުރައިގެ 9564 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އުމުރުން 81 އަހަރާއި 100 އަހަރާ ދެމެދުގެ އުމުރުފުރާއަށް ބަލާއިރު އެއުމުރުފުރައިގެ 82 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އެންމެ އުމުރުން ދުވަސްވީ ކެޓަގަރީއެވެ. މިއުމުރުފުރައިގެ މީހުންގެ ތެރެއިން ކޮވިޑްގެ ބަލި ތަހައްމަލު ކުރި އެކަކީ އުމުރުން 85 އަހަރުގެ ޒުލޭޚާ މޫސާއެވެ.
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވާއިރު ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ވީޑިއޯގައި ވާހަކަ ދައްކަމުން ޒުލޭޚާ ބުނީ ކުރިން ދެތިން ފަހަރަކު ކޮވިޑަށް ޓެސްޓްކުރިކަމަށެވެ. ނަމަވެސް އޭރު ވައިރަހަށް ޕޮޒިޓިވްނުވާކަމަށް ޒުލޭޚާ ބުންޏެވެ. ނަމަވެސް ފަހުން ގޭގައި އުޅޭ ކުއްޖަކު ހުން އައިސްގެން ގޭގައި އުޅޭ އެންމެން ކޮވިޑަށް ޓެސްޓްކުރިއިރު ޒުލޭޚާއަށްވެސް ކޮވިޑް ޖެހިފައި ހުރިކަން އެނގުމުން ވަރަށް ދެރަވި ކަމަށް ޒުލޭޚާ ބުންޏެވެ.
ކޮވިޑްގެ ބަލި މީހުންނާއި އެހެން މީހުންނާ ހުންނަ އެންމެ ބޮޑު އެއް ތަފާތަކީ ބަލި ޖެހުމާއެކު ގާތްތިމާގެ އެންމެންނާއި ގާތް ރައްޓެހިންނާ ދުރަށް ދާންޖެހުމެވެ. އެހީތެރިއެއްގެ ގޮތުގައިވެސް ގާތް މީހަކަށް ބަލިމީހާ ކައިރިއަކު ނީންދެވެއެވެ. ބަލީގެ ގޮތުން ކޮވިޑްގެ ބައްޔާއެކު އެމީހަކަށް މަޖުބޫރުވަނީ ބަލި ރަނގަޅުވަންދެން އެންމެންނާ ދުރުގައި އެކަނި ހުންނާށެވެ. މުޅިން އެހެން މާހައުލަކަށްދާށެވެ. ކޮވިޑް ޖެހިފައިވާ އެތައް ބަޔަކު ބުނާ އެއް ވާހަކައަކީވެސް އެއީއެވެ. ބައްޔަށްވުރެ ބޮޑަށް އާއިލާއާއި ގާތްތިމާގެ އެއްވެސް މީހަކު ނުފެނި މުޅިން އެހެންތާކަށް ދާންޖެހުން އެއީ މާހިތްދަތި ކަމެކެވެ. އެހެންކަމުން ގިނަ ބަޔަކަށް އެއާއެކު ނަފްސާނީ މައްސަލަތައްވެސް ކުރިމަތިވެއެވެ.
ނަމަވެސް ޒުލޭޚާ އަށް ދިމާވީ މިކަމުގައި ނަސީބު ރަނގަޅު ގޮތެކެވެ. ޒުލޭޚާ ބުނީ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާގެ ދަރިން އޭނާ ކައިރީގައި ބުނީ "މަންމާއޭ އެބަޖެހެއޭ ތަނަކަށް ދާން." މިހެންނެވެ. ނަމަވެސް ޒުލޭޚާއިއާއެކު އޭނާގެ ދެ އަންހެން ދަރިންވެސް ކޮވިޑަށް ޕޮޒިޓިވްވުމުން ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ޒުލޭޚާ އޮތީ އޭނާގެ ދެ އަންހެން ދަރިންނާއެކުއެވެ.
ދެން އެކަމަކު ނަސީބު ކަންދިމާކުރި ގޮތުން އަޅުގަނޑުގެ ދެ އަންހެންކުދިންނާއި އަޅުގަނޑު ހަމަ އެއްތާކަށް ގެންދިޔައީ. އެއް ކުއްޖަކު ހަމަ ޖެހިގެން އޮތް އެނދުގައި އަނެއްކުއްޖަކު ކުރި މަތީ އެނދުގައި. ދެން އެހެން އަނެއްހެން ކަންބޮޑުވާ ގޮތަކަށް ދިމަލެއް ނުވޭ.ޒުލޭޚާ މޫސާ
އެހެންނަމަވެސް ކޮވިޑްގެ ބަލީގެ ނުރައްކާތެރިކަމާއެކު ކޮންމެސް ވަރެއްގެ ބިރުވެރިކަމެއް ޒުލޭޚާވެސް އިހުސާސްކުރިއެވެ. އުމުރުން ދުވަސްވެފައި ހުރި މީހެއްގެ ހައިސިއްޔަތުން ޒުލޭޚާ ހިމެނެނީ ހައިރިސްކު ކެޓަގަރީގައެވެ.
ފުރަތަމަ ހިތަށް އެރި، މީހުން ބުނެއެއްނު ފަސްގަނޑެއް ނާންނާނެއޭ މަސްގަނޑޭ ދާނީ ދެން. އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ހުޅުމާލެ ސަހަރާއަށް ދާންޖެހޭނީ ކަންނޭނގެއޭޒުލޭޚާ މޫސާ
އެހެންނަމަވެސް ޒުލޭޚާ ކޮވިޑް ފެސިލިޓީއަށް ގެންދިޔުމަށް ބަލާ އައި ރެޑްކްރޮސްގެ ކުދިންގެ މަޖާ ވާހަކަތަކާއެކު އެމްބިޔުލަންސްގައި ފެސިލިޓީއަށް ދެވެންދެން އޭނާއަށް އެހެން ކަމަކަށް ވިސްނާނެ ވަގުތެއް ނުލިބުނެވެ. އަދި ފެސިލިޓީގައިވެސް އެންމެން އުޅުނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތަށް ކަމަށް ޒުލޭޚާ ކޮވިޑް ފެސިލިޓީގައި ހޭދަކުރި ގޮތުގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.
ފެސިލިޓީގައި ކަންކަން ކިތަންމެ ރަނގަޅަށް ދިޔަނަމަވެސް އަދި އައު ރަހުމަތްތެރިންތަކެއް ލިބުނަސް ކޮވިޑްގެ ބައްޔާއެކު އެހެން ކަންކަން ތަޖުރިބާ ކުރަންޖެހުނެވެ. ކޮވިޑް ޖެހުމާ ހަމައަށްވެސް ގައިގާ ރިއްސާ އެކަން ތަޖުރިބާ ކުރަން ޖެހިފައިނުވާ ޒުލޭޚާއަށް ކޮވިޑްގެ ބައްޔާއެކު ގައިގައި ރިއްސުމާއި ކުރިމަތިލާން ޖެހުނެވެ.
ކޮވިޑްގެ ބައްޔާއެކު އޭރު ދެން ހުންވެސް ކުޑަކޮށް އައިސްފައި ދެން ކާއެއްޗެހީގެ ރަހަ ނުލާފައި އަނެއްކައި މުޅި ގައިގައި ރިހެނީ. އަޅުގަނޑު މިއީ ދުވަހަކުވެސް ގައިގާ ރިއްސާ މީހެއް ނޫން. މިހެން ދުވާލު ހަތަރުދަމު އިންނައިރުވެސް ތަނަކަށް ތަދެއްނުވޭ. އެކަމަކު އޭރު މިހުރިހާ ތަނެއްގައި ރިއްސަނީ އަތް ގުޑުވާވެސް ނުލެވޭ.ޒުލޭޚާ މޫސާ
ކޮވިޑްގެ ބަލި ތަހައްމަލުކުރަން ޖެހުމުން ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަންކަމުގައިވާ އަތްދޮވުން ފަދަ ކަންކަމަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދެވޭކަމަށް ޒުލޭޚާ ބުންޏެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ވެކްސިން ޖަހަމުން އަންނައިރު އެތައް ބަޔަކު އަންނަނީ ވެކްސިން ޖެހުމާއެކު ކުރިމަތިވާ ސައިޑްއެފެކްޓްތައް ކަމުގައިވާ ހުން އައުމާއި ގައިގާ ރިއްސުންފަދަ ކަންކަން ތަހައްމަލު ކުރަމުންނެވެ. އެކަމުގެ ސަބަބުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ބައެއް މީހުން ދެ ވަނަ ޑޯޒް ޖެހުމަށް އަންނަނީ ފަސްޖެހެމުންނެވެ. އަދި ވެކްސިން ޖަހައިގެން މީހުން އުޅޭ ގޮތް ފެނި އަނެއް ބަޔަކު ވެކްސިން ޖެހުމާ އަންނަނީ ދުރުވަމުންނެވެ.
އެހެންނަމަވެސް ވެކްސިން ޖެހުމުން ދިމާވާ ކަންތައްތައް ވިސްނައިދިނުމަށް ޒުލޭޚާ މިސާލު ނެގީ އެންމެންވެސް ދަންނަ ކަމަކުންނެވެ. އެއީ ކުޑަކުދިންނަށް ވެކްސިން ދިނުމުން އެކުދިން އުޅޭގޮތެވެ.
ކުޑަކުދިންވެސް ވިހާތަނުން ގެންގޮސް ކޮންމެ ކުއްޖަކަށްވެސް ވެކްސިންދޭ. އެކުއްޖާ އެރޭ ނުނިދާ ބުއް ނުބޮއި ރޮއެ. އެކަމަކު އިނގޭތާ ކަމެއްކަން މިކުރަނީ. އެހެންވީމާ ބޮޑެތި މީހުންވެސް މިގޮތަށް ވިސްނަންޖެހެނޭ މިއީ ކަމެއްކަން މިކުރަނީ. ވާ އުނދަގުލަށްވުރެ މީގެ ފައިދާ ބޮޑުވީމާ މީހުން މިހެން ހަދަން ޖެހެނީ. އެހެންނޫންތޯ. އަޅުގަނޑުގެ ބޭނުމަކީ ހުރިހާ އެންމެންވެސް ވެކްސިން ޖެހުން ހަމަ. އަޅުގަނޑުގެ އަމުރެއް ހިނގާ މީހަކު ނަމަ ވެކްސިން ނުޖަހާ ނުހުރެވޭނެ.ޒުލޭޚާ މޫސާ
ޒުލޭޚާ ބުނި ގޮތަށް ވެކްސިން ޖަހައިގެން ވާ އުނދަގުލަށްވުރެ ބޮޑަށް މީއިން ވާ ފައިދާއަށް ވިސްނަންޖެހެއެވެ. ވެކްސިން ޖަހަންޖެހެނީ މުޅި މުޖުތަމައުގެ ފައިދާއަށެވެ. ވީ އެންމެ އަވަހަކަށް ގިނަ ބަޔަކު ވެކްސިން ޖަހަން ޖެހެއެވެ. އެހެންނޫންކަމަށްވާނަމަ ކޮވިޑްގެ މި ބަލިން އަރައެއް ނުގަނެވޭނެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 85،110 މީހުންނަށް ވަނީ ވެކްސިން ދީފައެވެ. މީގެތެރޭގައި މާލެ ސަރަހައްދުގެ 61،777 މީހުން ހިމެނޭއިރު އަތޮޅުތެރޭގެ 23،333 މީހުން ހިމެނެއެވެ. މާލެ ސަރަހައްދަށް ބަލާއިރު އަންގާރަ ދުވަހު ވެކްސިން ޖަހަން ދިޔަ މީހުން އޭގެ ކުރީ ދުވަސްތަކާ އަޅާބަލާއިރު ނިސްބަތުން ދަށެވެ. އާންމުގޮތެއްގައި ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުގައި ފަސްހާހަށްވުރެ ގިނަ މީހުންގެ ގަޔަށް ވެކްސިން ޖަހައެވެ. އެހެންނަމަވެސް އަންގާރަ ދުވަހު އެއަދަދު ހުރީ ހަތަރުހާހުގައެވެ. އަންގާރަ ދުވަހު ވެކްސިން ޖަހާ މަރުކަޒުތައްވެސް ފެނުނީ ފަޅުކޮށެވެ.
އެހެންކަމުން އެޗްޕީއޭއިން ވަނީ ވެކްސިން ޖެހުމަށް ބާރުއަޅާފައެވެ. އަދި ޚިދުމަތްދޭ ބައެއް ތަންތަނުން ޚިދުމަތްދިނުމުގައިވެސް ވެކްސިން ޖަހާ މީހުންނަށް ލުއިތަކެއް ނުވަތަ ޑިސްކައުންޓްތަކެއް އަންނަނީ ތަޢާރަފްކުރަމުންނެވެ. އެހެންނަމަވެސް މީގައި ވިސްނަންވީކަމަކީ ވެކްސިން ޖަހަންޖެހެނީ ތިމާގެ ރައްކަލަކަށްޓަކައެވެ. މުޅި މުޖުތަމައު ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެމީހަކަށް ކުރެވެން އޮތް ކަމެއް ކުރުމުގެ ގޮތުންނެވެ. އެއީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. ބޮޑު ޕެންޑަމިކެއް މުޅި ދުނިޔެ ތަހައްމަލުކުރަމުންދާއިރު މިކަމުން އަރައިގަތުމަށް އެމީހަކަށް ކުރެވުނު ކަމެއް ކުރުމަކީ އެމީހެއްގެ ޒިންމާއެކެވެ.