ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 23:47
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިނުގައި ރައީސް ސޯލިހާއި، ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިނުގައި ރައީސް ސޯލިހާއި، ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ
ރާއްޖެއެމްވީ
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން
ހދ. އަތޮޅުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތައް އެއަތޮޅުގެ ކެންޑިޑޭޓުންނާ ރައީސް ސާލިހު ހިއްސާ ކުރައްވައިފި
 
ފެބްރުއަރީ މަހުގެ ތެރޭގައި 34 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫއުގައި ސޮއި ކުރާނެ
 
ބޮޑު އިސްކަމެއް ދީގެން ކަމުންދޫ ބަނދަރު ހެދުން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް
 
ހަނިމާދޫގައި މަގު ހެދުމުގެ މަސައްކަތްވެސް ބަދަލުތަކަކާއެކު ކުރިއަށް ގެންދަވާނެ

ހދ. އަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތަކާއި ހަދި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެއަތޮޅުގެ ކެންޑިޑޭޓުންނާ ހިއްސާ ކުރައްވައިފިއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭނުގައި ބައިވެރިވެވަޑައިގެން އެއަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންގެ ތެރެއިން ވަކިވަކިން އެކި ރަަށްރަށުގެ ކެންޑިޑޭޓުންނާ މުޚާތަބު ކުރައްވައި އެރަށަކަށް އަމާޒުކުރެވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ދެއްވިއެވެ. ހަނިމާދޫގެ ކެންޑިޑޭޓުންނަށް ރައީސް ވިދާޅުވީ ހަނިމާދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރުތަކުގައި ކުރައްވާނެ ކަމަށާއި އެއަރޕޯޓުގެ އަޕްގްރޭޑިން މަސައްކަތްތައް ވެސް މިއަހަރުގެ ޖުލައި މަހު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ. ހަނިމާދޫގައި މަގު ހެދުމުގެ މަސައްކަތްވެސް ބަދަލުތަކަކާއެކު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. ހަނިމާދޫގައި ނުނިމިހުރި 100 ހައުސިން ޔުނިޓުގެ މަސައްކަތް މިހާރު ޓެންޑަރ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކުމުންދޫގައި ގިނަ މަޝްރޫއުތަކެއް ފެށިފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ވަރަށް ބޮޑު އިސްކަމެއް ދީގެން އެރަށު ބަނދަރު ހެދުން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ހަތަރުމަސް ނިމުމުގެ ކުރިން ނިންމާލުމަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން ސުކޫލުގެ ބާރަ ކްލާސް ރޫމްގެ ޑިޒަައިނިން ކުރިއަށްދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މާޗު މަހުގެ ތެރޭގައި ޓެންޑަރ ކުރެވޭނެ ކަމަށް ބެލެވޭ ކަމުގައެވެ.

ދަތުރުފަތުރުގެ ދަތިކަމަކީ މަކުނުދޫގެ އިގްތިސާދަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން ކެންޑިޑޭޓުން ފާހަގަކުރެއްވީމާ ރައީސް ވިދާޅުވީ މަކުނުދޫގައި އެއަރޕޯޓެއް އެޅުމަށް މިހާރު ހަމަޖެހިފައިވާ ކަމަށާއި ސްޕީޑް ފެރީގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމުގައެވެ. ސްޕީޑު ފެރީތައް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުވެސް މިރޭ މަކުނުދޫއާމެދު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު މަކުނުދޫއަކީ އެކަހެރި ރަށެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުވެގެންދާނެ ކަމަށެވެ. ކުރިއަށް މިދާ ފެބްރުއަރީ މަހުގެ ތެރޭގައި 34 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫއުގައި ސޮއި ކުރެވޭއިރު މި ރަށްރަށުގެ ތެރޭގައި ވައިކަރަދޫ ހިމެނޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ހިރިމަރަދޫ ފުޓުބޯޅަ ދަނޑުގައި ޗޭންޖިން ރޫމްތަކެއް ގާއިމު ކުރައްވާނެ ކަމަށާއި އެރަށު ވޮލީ ކޯޓުގައި ލައިޓިން ހަރު ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެކަމަށެވެ. މިއަހަރުގެ އޭޕްރީލް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ސިއްހީ ދާއިރާއަށް 80 ވަރަކަށް އެމްބިއުލާންސް ލިބޭނެ ކަމަށާއި އޭގެ ތެރެއިން ނާވައިދޫ ސިއްހީ މަރުކަޒަށް އެމްބިއުލާންސްއެއް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނާވައިދޫގެ ކަންބޮޑުވުންތަކާމެދު ރައީސް ވިދާޅުވީ ނަރުދަމާގެ މަސައްކަތްވެސް ވަަރަށް އަވަހަށް ފެށޭނެ ކަމަށާއި ކަރަންޓު ނެޓްވޯރކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.

ފިނޭ ސުކޫލުގެ އައު އިމާރަތް އޭޕްރީލް މަހު ޓެންޑަރ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިނބީގައި މި ސަރުކާރުން ހިންގަމުން ގެންދާ ތަރައްގީގެ މަޝްރޫއުތައް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެރަށު ބަނދަރު ސަރަހައްދުގެ މަސައްކަތް ކުރައްވާއިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ. ނޮޅިވަރަމުގެ ދަނޑުވެރިންނަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ޑިސްޓްރިބިއުޝަން ބޯޑު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެރަށުން ފާހަގަ ކޮށްފައިވާ ކަންކަމަށް ހައްލު ހޯދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނެއްލައިދޫ ކެންޑިޑޭޓުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ ނެއްލައިދޫ ސުކޫލުގެ މަސައްކަތް ކުރިއަށް ނުދާތީ ޓެންޑަރ މިހާރު ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި އެހެން ބަޔަކާ ހަވާލު ކޮށްގެން އެ މަސައްކަތް ކުރައްވާނެ ކަމަށާއި އޭގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް ޓެންޑަރ ބޯޑުން އިވެލުއޭޓް ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ދެކުނުކޮޅުގައި ސިޓީ ހޮޓަލެއް އެޅުމަކީ ރައްޔިތުން ވަރަށް ބޭނުންވާކަމެއް ކަމަށާއި ސުކޫލުގެ ޖާގައިގެ ދަތިކަމާއި ފެނުގެ މައްސަލަވެސް އެބަހުރި ކަމަށާއި ހައުސިން ޔުނިޓުތަކުގެ ބޭނުން ހިފޭނެ ގޮތެއް ހެދުމާއި ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާކަން އެރަށުން ފާހަގަ ކުރީމާ ރައީސް ވިދާޅުވީ އެރަށު 100 ހައުސިން ޔުނިޓުގެ މަސައްކަތުގެ ބިޑް ކްލޯސިން މާރޗް މަހު އޮންނާނެ ކަމަށެވެ. އެއަށްފަހު އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެރަށުގައި ލެބޯޓަރީއެއް ގާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި މިހާރުވެސް ލެބޯޓަރީއަށް ބޭނުންވާ ބައެއް ސާމާނު ލިބިފައިވާކަމަށެވެ. ސިޓީ ހޮޓަލާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ ސިޓީ ހޮޓާ އަލުން ބިޑަށް ހުޅުވާލައްވާނެ ކަމަށެވެ. އެކަމަށް ބައެއް ފަރާތްތަކުން މިހާރުވެސް ޝައުގުވެރިކަން ފާޅު ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނޮޅިވަރަންފަރުގެ 38 ކުއްޖަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު ޕީއެސްއައިޕީގައި މިދިޔަ 2 އަހަރު 92 މިލިއަން ރުފިޔާ އެރަށަށް ޚަރަދު ކޮށްފައިވާ ކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
33%
0%
33%
33%
0%
ކޮމެންޓް