އަލަށް ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ސަރވިސް ޑޮކްޔާޑްގައި އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްއިން ބުނެފިއެވެ.
އެމް.އެން.ޑީ.އެފްގެ ކޯސްޑްގާޑްގެ ބަނދަރާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއްބަސްވުމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފްގެ އިސްވެރިން ވަނީ ނޫސްވެރިންނާ ހިއްސާކޮށްފައެވެ. އެގޮތުން ކޯސްގާޑްގެ ޚިދުމަތްތައް ވޭތުވެ ދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ފުޅާވެފައިވާއިރު، ކޯސްގާޑްގެ އުޅަނދުތައް ބަނދަރުކުރުމަށް ޚާއްސަ ޑޮކްޔާޑެއް ނެތުމުން ގިނަ ގޮންޖެހުންތައް ހުރިކަމަށް އެމް.އެން.ޑީ.އެފްގެ އިސްވެރިން ފާހަގަކުރެއްވިއެވެ. އަލަށް ތަރައްޤީކުރާ ބަނދަރާއި ޑޮކްޔާޑްގެ ސަބަބުން މި މައްސަލަތަކަށް ހައްލު ލިބި، ބޭރު ޤައުމުތަކަށް އުޅަނދުތައް ގެންގޮސް މެއިންޓެނަންސްއަށް ކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށް އެމް.އެން.ޑީ.އެފްއިން ފާހަގަކުރެއެވެ. މި ބަނދަރުގައި ހަރަކާތްތެރިވާނީ ދިވެހި ސިފައިންކަމަށާއި، މި ބަނދަރުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމް.އެން.ޑީ.އެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްވަނީ، މި ބަނދަރަކީ އެމް.އެން.ޑީ.އެފް ކޯސްގާޑްގެ އުޅަނދުތައް ބަނދަރުކޮށް މަރާމާތުކުރުމަށް ހަދާތަނެއްކަމުން، ބަނދަރުގައި އަސްކަރީ އެއްވެސް ބަޔަކު ސްޓޭޝަންވެގެން ނުތިބޭނެކަމަށް ވިދާޅުވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ސިފައިން މި ބަނދަރުގައި ސްޓޭޝަންވާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްވަނީ، މި ބަނދަރަކީ އަސްކަރީ މަރުކަޒެެއް ނޫންކަމުގައި ވިދާޅުވެފައެވެ. 2 ފިޔަވައްސަކަށް ބަހާލައިގެން ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ސަރވިސް ޑޮކްޔާޑްގެ ފުރަތަމަ މަރުޙަލާގެ ދަށުން 3 އަހަރު ދުވަހުގެ ތެރޭ ބަނދަރުއެއްކޮށް ތަރައްޤީކޮށް ނިންމުމަށް އިންޑިއާގެ ތަޖުރިބާކާރުން ހަރަކާތްތެރިވާނެކަމަށް އަބްދުއްރަޙީމް އަބްދުއްލަތީފް ވިދާޅުވިއެވެ. މީގެ އިތުރުން 2 ވަނަ ފިޔަވަހީގައި ރާއްޖެއަށް ބޭނުންވެއްޖެ ކޮންމެ ދަނޑިވަޅެއްގައި ވެސް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ތަޖުރިބާކާރުން ހަރަކާތްތެރިވާނެކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ހަރަކާތްތެރިވާނެތޯ ކުރެއްވި ސުވާލަށް. މިއީ އަސްކަރީ މަރުކަޒެއް ނޫން. މިއީ ޑޮކް ޔާޑެއް. މިއީ އެލޯންގް ސައިޑް ބަނދަރެއް. އެހެންވީމަކާއެއް އަސްކަރީ އެއްވެސް ބަޔަކު ތިބޭގޮތަކަށް ނޫން އޮންނާނީއެއް. އިންޑިއާ ސިފައިން ތިބޭގޮތަށް އޮތްތަނެއް ނޫން މީކީއެއް. މިތަން ތަރައްޤީކުރާއިރު އިންޑިއާގެ ބައިވެރިވުން އޮންނާނެތޯ؟ މި އެގްރިމެންޓް މިކުރެވުނީ ވެސް މިތަން ތަރައްޤީކުރުމަށް އިންޑިއާގެ ސަރުކާރާއެއްކޮށް. އެހެންވީމަ އެއްބަސްވުމާ އެއްގޮތައް އެކަން ކުރިއަށްދާނެވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް
ކޯސްޓްގާޑް ބަނދަރާއި ސަރވިސް ޑޮކްޔާޑް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ.ސުބްރަމަނިއަމް ޖައިޝަންކަރްއެވެ.
ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑް ތަރައްޤީކުރަނީ މާލެ އަތޮޅު އުތުރު ތިލަފަޅުގައެވެ. އުތުރު ތިލަފަޅުގެ "ސިފަވަރު"ގައި ތަރައްޤީކުރާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ، 2016 ވަނަ އަހަރުގެ އެޕްރީލްމަހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރާއެކު ސޮއިކުރެވުނު "ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން"ގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތުގެ ދަށުން އެކުލަވާލި އެއްބަސްވުމެކެވެ.
މި މަސައްކަތުގެ ދަށުން އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް) ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލަތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެއެވެ.