ކ. މާލެ
|
12 މާރޗް 2022 | ހޮނިހިރު 19:39
އެމްއެންޑީއެފުން ނަޞްރުގެ ޚާއްސަ ދުވުމުގެ ތެރެއިން - ދިވެހި ސިފައިންނާއި ގުޅުވާ ދޮގު މައުލޫމާތު ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައި
އެމްއެންޑީއެފުން ނަޞްރުގެ ޚާއްސަ ދުވުމުގެ ތެރެއިން - ދިވެހި ސިފައިންނާއި ގުޅުވާ ދޮގު މައުލޫމާތު ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައި
އެމްއެންޑީއެފް
އަސްކަރިއްޔާ އާއި ގުޅުވާ ދައްކާ ވާހަކަތައް
ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި
އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް
އުތުރު ތިލަފަޅުގައި ތަރައްޤީ ކުރަނީ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއްކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފް ދޮގު ވާހަކަތަކެއް
ހަތިޔާރާއެކު ޙަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނުތިބޭނެ :ޑިފެންސް މިނިސްޓްރީ

ހަތިޔާރާއެކު ޙަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތްކަމަށާއި ޤައުމީ ސަލާމަތާއި އަމާންކަމާއި ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ދިވެހި ސިފައިންގެ އަގުވައްޓާލަން ޙަޤީޤަތާ ޚިލާފް ދޮގު މަޢުލޫމާތު ނުފެތުރުމަށް ޑިފެންސް މިނިސްޓްރިން އިލްތިމާސްކޮށްފިއެވެ.

ގައުމުގެ އަމާންކަން ގެއްލުވާލާ ދިވެހި ސިފައިންގެ އަގުވައްޓާލުމަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައިވަނީ ޑިފެންސް މިނިސްޓްރީން އދ.މަހިބަދޫގައި ހުކުރު ދުވަހުގެރޭ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށްގެންދިޔަ ޙަރަކާތުގައި އުތުރު ތިލަފަޅުގައި ތަރައްޤީކުރެވޭ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭގޮތަށް ޙަޤީޤަތާ ޚިލާފް ގިނަ ވާހަކަތަކެއް ދައްކާފައިވާތީ އެކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭނުންތަކަށް ޢަމާޒުކޮށް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ބޭނުންވާގޮތަށް ފަރުމާކޮށް، ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ތަރައްޤީކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމުގައެވެ.

އެހެންކަމުން، އެތަނަކީ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއްކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފް ދޮގު ވާހަކަތަކެއްކަމުގައެވެ. އެހެން ޤައުމުތަކުގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ކުރިން ހޯދަންޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ޙައްޤެއް ނުވަތަ ސޮވެރިން ރައިޓެއްކަމުގައި ޑިފެންސް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން، ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖެއަށް އައުމުގައި ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި އަދި މި ބަނދަރަށް ވަންނަން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ދައްކާފައިވާ ދޮގު ވާހަތަކެއްކަމަށެވެ.

އަދި، ހަތިޔާރާއެކު ޙަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތްކަމުގައި ދަންނަވާ ކަމަށް ބުނެފައި ވެއެވެ. އަދި، އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ޙަރަކާތްތެރި ނުވާނޭ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

އަދި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހިރާއްޖޭގެ އަމާންކަމާއި ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ދިވެހި އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ޙަޤީޤަތާ ޚިލާފް ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދިފާޢުކޮށް ނެގެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

- ކޮމެންޓް