ރައީސް ޔާމީނު ކެރިވަޑައިގަންނަވާ ނަމަ އިދިކޮޅު ފަރާތްތަކަށް މުޒާހަރާކުރުމަށް ފުރުސަތު ދެއްވައިފި ނަމަ މެޑޭ މުޒަހަރާއަށް ވުރެ ތިން ގުނަ މީހުން އިތުރަށް މިއަދު މުޒާހަރާއަށް ނިކުންނާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން، ރޮޒައިނާ ވިދާޅުވީ، 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތް މަންޒަރު ފެނިގެންދިޔަ ކަމަށެވެ. އެއާއެކު އެދުވަހުގެ މުޒާހަރާގައި ބައިވެރިވި ސިޔާސީ ލީޑަރުންނަށް ތަފާތު ފިއްތުންތަކާއި ކުރިމަތިލާންޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. ރޮޒެއިނާ ވިދާޅުވީ، އެ ދުވަހުގެ މުޒާހަރާގައި ބައިވެރިވުމުގެ ސަބަބުން ޝެއިހު އިމްރާނަށް ޓެރަރިޒަމްގެ ހުކުމް އިއްވާ ޖަލަށްލާފައިވާ އިރު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން، އަލީ ވަހީދު ފަދަ ބޭފުޅުންނަށް ގައުމުން ބޭރަށް ދާން ޖެހުނު ކަމަށެވެ.
ރޮޒެއިނާ ވަނީ މިކަންކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.
ރޮޒެއިނާ ވިދާޅުވީ، އެފަހަރުގެ މޭޑޭ މުޒާހަރާ އަކީ އިދިކޮޅު ފަރާތްތަކުން ބޭއްވި އެންމެ ބޮޑު އެއް މުޒާހަރާ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ، މިއަދު މުޒާހަރާ ކުރުމަށް ފުރުސަތު ލިބިއްޖެ ނަމަ އެންމެ ކުރީ ސަފުގައިވެސް ތިބޭނީ، ރައީސް ޔާމީނުގެ އާއިލާގެ ބޭބޭފުޅުން ކަމަށެވެ.
"އުފަލާ އެކީގައި މިއަދު ފާހަގަކޮށްލަންޖެހޭ، ރައީސް ޔާމީނު ނިކަން ކެރިވަޑައިގެން، އަޅުގަނޑުމެންނަށް މިއަދު މުޒާހަރާ ކުރުމަށް ފުރުސަތު ދެއްވަ ބައްލަވާށޭ. 2015 ގެ މޭޑޭ މުޒާހަރާ ނުވާނެއޭ އެއްޗަކަށް. އަޅުގަނޑުމެން އެއަށް ވުރެ ތިން ގުނައަށް އިތުރަށް މީހުން ނެރޭނަމޭ. އަދި އެންމެ ކުރީގަ ހުންނަވާނީ މަނިކުފާނުގެ ބޭބޭފުޅުންނޭ. ރައީސް މައުމޫނޭ." ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ، ސަރުކާރުން އެއް ޕްރޮޖެކްޓެއް އެތަށް ފަހަރެއްގެ މަތިން ފެށުމަށް ރަސްމިއްޔާތުތައް ބާއްވަމުންދާ އިރު ސަރުކާރުން ދަނީ ރައްޔިތުންނަށް ބިރުދައްކަމުން ކަމަށެވެ. މި ސަރުކާރަކީ ލޯބި ހޯދައިގެން ކަންކަން ކުރަން އެގޭ ސަރުކާރެއް ނޫން ކަމަށާއި ސަރުކާރުން ތަރައްގީ ގެނެސްދޭނެ ކަމަށް ބުނެ ގަދަބާރުން ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީނުގެ ދަރުބާރު ފެކްޝަނުގެ ތިބޭ މީހުންނަކަށް ނޭނގޭނެ ރައްޔިތުންގެ ލޯބި ހޯދައިގެން ކަންކަން ކުރައްވާކަށް. ހައްތަހާވެސް އުޅެނީ ތިމަންނާ މެންނަށް މާބޮޑު ކަމެއް ވެއްޖެއޭ ހިތައް އަރައިގެން ސަރުކާރު ލިބުނީމަ މިއޮތީ ލައްކައެކޭ ހީވެގެން ނުކުމެ އަޅުގަނޑުމެންނަށް ބިރު ދައްކަން ވެގެން" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުން މި ސަރުކާރަށް ތާއީދެއް ނެތްކަން ދައްކާލުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ. އަދި އެފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުން ހިފުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.