Advertisement
ކ. މާލެ
|
2 މެއި 2017 | އަންގާރަ 03:16
ހުޅުމީދޫގައި އެމްދީޕީން ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ
ހުޅުމީދޫގައި އެމްދީޕީން ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ކައުންސިލް އިންތިހާބު
ސަރުކާރުން ވަނީ މަސައްކަތް ތެރިންގެ ހައްގުތަކަށް ބޮޑުތަނުން އިހުމާލުވެފައި: ޝާހިދު
ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް
ގާނޫނުއަސާސީން މަސައްކަތްތެރިންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކަށް ސަރުކާރުން ވަނީ އިހުމާލުވެފައި
ސަރުކާރުން ދަނީ މަސައްކަތްތެރިންނަށް ބިރު ދައްކަމުން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގައި ހަލާލު މަސައްކަތް ކޮށްގެން ފައިސާ ހޯދާ މަސައްކަތްތެރިންނަށް ބޮޑުތަނުން އިހުމާލުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

 

އައްޑޫ ސިޓީން ކައުންިސލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުއަސާސީން މަސައްކަތްތެރިންގެ ހައްގުތައް ވަރަށް ފުރިހަމަ އަށް ހިމާޔަތް ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީން މަސައްކަތްތެރިންނަށް ކަށަވަރު ކޮށްދީފައިވާ އެ ހައްގުތައް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅައިގަނެފައިވާ ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. އެގޮތުން ސަރުކާރަށް ތާއީދު ނުކުރާ މީހުން ވަޒީފާއިން ވަކިކުރުމާއި އަދި ވަޒީފާގައި ދެމިހުންނަން ބޭނުންވާ ނަމަ ސަރުކާރު ހިންގާ ޕާޓީ އަށް ސޮއި ކުރުމަށް މަޖުބޫރު ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

 

އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންނަށް ގެއްލިފައިވާ ހައްގުތައް ހޯދާ ދިނުމަށް އަދުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އޭގެ ހެއްކަކީ ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަން ނުދިއުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގެއްލިފައިވާ މަސައްކަތްތެރިންގެ ހައްގުތަށް ހޯދައި ދެވޭނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދީގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

 

ޝާހިދު ވިދާޅުވީ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތަކަށް އިހުމާލުވެ ރައްޔިތުންގެ ގާތަށް ވޯޓް ހޯދަން ދިއުމަށް ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އަދި މިއަދު ސަރުކާރުން ކަންތައްތައް ކުރަމުންދާ ގޮތުން ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބައް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތަކާ އަދި މަސައްކަތްތެރިންނަށް ގެއްލިފައިވާ ހައްގުތަށް ހޯދުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ޝާހިދު ގޮވާލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް