Advertisement
ކ. މާލެ
|
2 މެއި 2017 | އަންގާރަ 01:30
ވޯޓަރސް ލިސްޓުގައި ހުރި މައްސަލަތައް
ވޯޓަރސް ލިސްޓުގައި ހުރި މައްސަލަތައް
ރާއްޖެއެމްވީ
ވޯޓަރސް ލިސްޓު
ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ
ދައިރާތައް ބެހިފައިވާ ގޮތުން އުޅުންތަކެއް އެބަހުރިކަމަށް އެމްޑީޕީން ބުނެ
މާލޭގައި ރަޖިސްޓްރީ ނުވާ ބައެއް ފަރާތްތަކުގެ ނަން މާލޭ ލިސްޓުގައި ވަނީ ހިމެނިފައި
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހު

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ވޯޓަރސް ފައިނަލް ލިސްޓުގެ، މަރަދޫފޭދޫ ލިސްޓުގައި މަރުވެފައިވާ 16 ފަރާތެއް ހިމެނޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.

 

ވޯޓަރސް ލިސްޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދާ އެމްޑީޕީއަށް ވޯޓަރސް ލިސްޓުން ފާހަގަ ކުރެވުނު ކަންތައްތައް ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި މައިގަނޑު ތިން ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ދާއިރާތައް ބެހިފައިވާ ގޮތުގެ މައްޗަށް ކަމަށް ވާއިރު ގަލޮޅު އުތުރު ދާއިރާ (ޓީ-05) އާއި ގަލޮޅު ދެކުނު (ޓީ-06)، ދާއިރާ ބެހިފައިވާ ގޮތުގައި އޮޅުންތަކެއް ހުރިކަން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

 

 

އޭގެތެރޭގައި ގ. ކެރަފާގެ އަކީ ދާއިރާތައް ބެހިފައިވާ ގޮތުން ގަލޮޅު ދެކުނު ދާއިރާއަށް ނިސްބަތްވާ ގެއެއް ކަމަށްވީ ނަމަވެސް މިފަހަރުގެ ލިސްޓުގައި އެގޭ ރައްޔިތުން ހިމަނާފައިވަނީ ގަލޮޅު އުތުރު ދާއިރާގައި ކަން ލިސްޓުން ފާހަގަވާކަމަށް އެމްޑީޕީން ބުނެ އެވެ. މީގެއިތުރުން މަރަދޫ ފޭދޫ ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމަނާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

 

އޭގެއިތުރުން ވޯޓުލުމަށް މާލޭގައި ރަޖިސްޓަރ ނުކުރާ ބައެއް މީހުންގެ ނަން މާލޭގައި ވޯޓުލުމަށް ރަޖިސްޓަރ ކޮށްފައިވާ ކަމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

 

 

ވޯޓަރސް ލިސްޓުން ފާހަގަކުރެވުނު މިކަންކަން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން އަންގާފައިވާ އިރު، ވޯޓަރސް ލިސްޓުގައި އައިޑީކާޑު ނަންބަރު ހިމަނާފައި ނުވާތީ، ވޯޓުލާ މީހުންގެ ސައްހަކަން ކަށަވަރު ނުވާކަމަށް ބުނެ އެމްޑީޕީން ވޯޓަރސް ލިސްޓުގައި ސޮއިކޮށްފައި ނުވެ އެވެ. އަދި ޖުމްހޫރީޕާޓީންވެސް މި ލިސްޓުގައި ސޮއިކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް ގިނަ ކެންޑިޑޭޓުން ވޯޓަރސް ލިސްޓުމުގައި ސޮއިކޮށްފައިވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ، ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާއްމުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް