Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 23:33
ސަރުކާރުގެ ގިނަ އޮފީށްތައް ހުންނަ ވެލާނަގެ
ސަރުކާރުގެ ގިނަ އޮފީށްތައް ހުންނަ ވެލާނަގެ
ރާއްޖެ އެމްވީ
މަސައްކަތްތެރިންގެ ދުވަސް
މުއައްޒަފުންނަށް ބިރުދައްކައިގެން ސަރުކާރަށް ތާއީދު އިތުރުކުރުމަށް ކުރާ މަސައްކަތް ކުށްވެރިކުރަން: އެމްޑީޕީ
އެމްޑީޕީން ވަނީ މުވައްޒަފުންނަށް ލިބެންޖެހޭ ހައްގުތައް ހޯދާދިނުމަށް ސަރުކާރަށް ގޮވާލާފަ
ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މަސައްކަތު މާހައުލެއް ގާއިމް ކުރަން ޖެހޭ

ރާއްޖޭގެ މަސައްކަތުގެ ދައިރާގައި ސިޔާސީ ނުފޫޒު އިތުރުވެ، ސިޔާސީ މަސައްކަތް ކުރުމަށާއި ވެރިކަން ކުރާ ޕާޓީއަށް ވަޒީފާގެ ބިރުދައްކައިގެން ވެއްދުމުގެ މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ސިޔާސީ ފިކުރަށް ނިސްބަތްކޮށް ވަޒީފާއިން ވަކިކުރުމާއި ފާޅުކަން ބޮޑުކޮށް ވަޒީފާގެ މާހައުލުގައި ތަފާތުކުރަމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން މަސައްކަތްތެރިން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާތީ ކަންބޮޑުވާކަމަށްވެސް އެޕާޓީން ބުނެއެވެ.

އެމްޑީޕީން މިކަން ފާހަގަކޮށްފައިވާ އިރު، ދާދިފަހުން ސަރުކާރު ކުންފުނިތަކުގެ އިސްވެރިންވަނީ އެތަންތަނުގެ މުވައްޒަފުން މެދުވެރިކޮށް ޕީޕީއެމަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކޮށްފައެވެ. މިކަމާއި ގުޅިގެން އެތަށް މުވައްޒަފުންނެއް ވަނީ ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.

އެމްޑީޕީން ބުނީ، މެއި 15، 2009 ވަނަ އަހަރުގައި ރާއްޖެއިން އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ މެންބަރަކަށް ވުމުގެ ސަބަބުން މަސައްކަތްތެރިންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި މިއަދު މަސައްކަތްތެރިންނަށް ކުރިމަތިކުރުވާ ބިރުވެރިކަމަކީ ދިވެހިރާއްޖެއިން ކަނޑައެޅިގެން އެ މުއާހަދާއާއި ހިލާފުވުން ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ، ސިޔާސީ ނުފޫޒު ފޯރުވުމުގެ އިތުރުން މަސައްކަތްތެރިންނަށް ރައްކާތެރި މާހައުލެއް ސަރުކާރުން ގާއިމްކޮށްދެވިފައި ނެތް ކަމަށެވެ.

އަދި މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިފައި ނެތުމާއި، މުސާރައިގެ އޮނިގަނޑު ހަމަކުރުމަށް ޕޭ ކޮމިޝަނެއް ނެތުމަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ސަރުކާރު ފެއިލްވެފައިވާކަމުގެ ހެއްކެއް ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ވަނީ މަސައްކަތްތެރިންނަށް ރީތި ދިރިއުޅުމެއް ހޯދޭނެ ގޮތްތައް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

އަދި ދިވެހިރައްޔިތުންނަށާއި މި ގައުމުގައި މިހާރު ކުރިއަށްދާ އުމްރާނީ ބޮޑެތި ހުރިހާ މަސައްކަތެއް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރި، ހަމަހަމަ އުސޫލް ގާއިމްކުރެވިފައިވާ މާހައުލެއް ހޯދާދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އެމްޑީޕީން ގޮވާލައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް