Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 16:37
ނޫސްވެރިއަކު އިވެންޓެއް ކަވަރު ކުރަމުންދާ ސަރަހައްދުން ފޮނުވާލަނީ
ނޫސްވެރިއަކު އިވެންޓެއް ކަވަރު ކުރަމުންދާ ސަރަހައްދުން ފޮނުވާލަނީ
މުހައްމަދު ޝަރުހާން
ނޫސްވެރިކަން
ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ
މިނިވަންކަން ނެތް ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނު ފުރަތަމަ ފަހަރު
މިނިވަންކަން ގެއްލުނު މައިގަނޑު ސަބަބަކީ އަބުރުގެ ގާނޫނު
މީޑިއާތަކުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ރާއްޖެ ހިމެނިއްޖެ އެވެ.

 

އެމެރިކާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ފްރީޑަމް ހައުސް އިން ނެރުނު "ފްރީޑަމް އޮފް ދަ ޕްރެސް 2017" ގައި ބުނެފައިވާ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނީ މީޑިއާތަކުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ފާއިތުވެދިޔަ އަަހަރުގެ ތެރޭގައި ކޮށްފައިވާ ކަންތައްތަކުގެ ސަބަބުންނެވެ.

 

އެގޮތުން އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، މިދިޔަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުމަށް ދިމާވި މައިގަނޑު އެއް ސަބަބުގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކޮށްފައި ވެއެވެ. އަދި ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި މީޑީއާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގާނޫނުތަކާއި އިޖުރާއަތުތަކާ ޚިލާފަށް ނޫސްވެރިން ހައްޔަރުކޮށް ދައުވާ ކުރުމަކީ ރާއްޖޭގައިނޫސްވެރިކަމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

 

ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، އިންސާނީ ހައްގުތައް ދިފާއުކުރުމުގެ އިތުރުން ސިޔާސީ މިނިވަން ކަމަށް މަސައްކަތް ކުރާ ފްރީޑަމް ހައުސް އިން މިދިޔަ އަހަރު ނެރުނު ލިސްޓުގައި ރާއްޖެ ހިމެނުނީ ނޫސްވެރިކަމުގެ މިނިވަންކަން ކޮންމެވެސް ވަރެއްގައި ލިބިދީފައިވާ ގައުމުތަކުގެ ތެރޭގަ އެވެ. މިއަހަރު ލިސްޓު ނެރުނު އިރު ރާއްޖެއަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. ފްރީޑަމް ހައުސްއިން ޕޮއިންޓް ދޭ އުސޫލުގައިވާ ގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭ ގައުމަކީ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ކުޑަކޮށް ލިބިދީފައިވާ ގައުމެވެ.

 

އެ ލިސްޓުގައިވާ ގޮތުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައި ވަނީ ސައުތު ސޫދާނާއި، ކޮންގޯ، ސާބިއާ، ބޮލީވިއާ އަދި ހަންގޭރީއާ އެއް ހަމައެއްގަ އެވެ. 

 

އެ ޖަމިއްޔާ އިން ސިފަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރަކީ ފާއިތުވެދިޔަ 13 އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ހާލަތު އެންމެ ދަށަށް ދިޔަ އަހަރެވެ. އެގޮތުން ނޫސްވެރިންނަށް ދީފައިވާ މަރުގެ ހަމަލާތަކާއި މީޑިއާތައް ނައްތާލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިން ހަމަލާތަކުގެ ސަބަބުން މިދިޔަ އަހަރު ފާހަގަވަނީ ނޫސްވެރިކަމުގައި ކަޅު އަހަރެއްގެ ގޮތުގައި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

 

ފްރީޑަމް ހައުސް އިން ކުރި ދިރާސާތައް ދައްކާ ގޮތުން މިނިވަންކަމާ އެކު ނޫސްވެރިކަން ކުރާ ގައުމުތަކުގައި ދިރިއުޅެނީ ދުނިޔޭގެ އާބާދީގެ އެންމެ 13 އިންސައްތަ މީހުންނެވެ. އެ ގައުމުތަކުގައި ނޫސްވެރިން ހިމާޔަތް ކުރެވި، މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތައް ކަވަރުކުރުމުގެ ފުރުސަތު ދީފައިވާ ކަމާއި ސަރުކާރުތަކުން މީޑިއާ ކޮންޓްރޯލްކޮށް، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މީޑިއާތަކަށް ފުރައްސާރަކުރަމުން ނުދާ ކަން ފާހަގަކޮށް އެ ޖަމިއްޔާ އިން ވަނީ މަރުހަބާ ކިޔާފަ އެވެ.

 

އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގައިވާ ގޮތުން، ނޫސްވެރިކަން ކުރުމަށް އެންމެ ބިރުވެރި މާހައުލެއް އޮތީ ކިއުބާ އާއި އަޒަރްބައިޖާން، ކްރައިމިއާ، އެރިޓްރިއާ، ގީނީ، އީރާނާއި، ނޯތް ކޮރެ، ސީރިއާ، ތުރްކަމިނިސްތާން އަދި އުޒްބަކިސްތާނުގަ އެވެ.

 

އެމެރިކާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ޖަމިއްޔާއަކަށްވީ ނަމަވެސް، ފްރީޑަމް ހައުސްގެ ރިޕޯޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑު ކިޔާފައި ވެއެވެ. އެގޮތުން ޓްރަމްޕަ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ސަރުކާރުން ޒިންމާދާރުކުރުވުމުގައި މީޑިއާގެ ރޯލް ހަނިކޮށްފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފައި ވެއެވެ. 

 

ނޫސްވެރިކަމުގެ މިނިވަންކަން ނެތް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނު އިރު، މިދިޔަ އަހަރަކީ އެކި ގޮތްގޮތުން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންނަށް ގޮންޖެހުންތަަކާ ކުރިމަތިލާންޖެހުނު އަހަރެކެވެ. އެގޮތުން ރާއްޖެޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމާއި، އަބުރުގެ ގާނޫނު ފާސްކުރުމާއި، އެންމެ ގިނަ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލަންޖެހުމާއި، ޗެނަލް ނިއުސް މޯޅްޑިވްސް(ސީއެންއެމް) ބަންދުކުރަން ޖެހުން ފަދަ އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 މެއި 2017 | އަންގާރަ 14:31
doogu
Thi hama hus dhogu.. nasoaraa meehun hadhaa list thakah nujehey balaakah . hus dhogu
1 މެއި 2017 | ހޯމަ 22:53
މޮޑީ
ރަބަރސްޓޭމްޕްޖަހާރައްޔިތުންގެމަޖިލިސްގެއިއްޒަތްތެރީންގެސަބަބުންބޯހަލާކު