Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 14:14
މޭޑޭ ފާހަގަކުރުމަށާއި ސަރުކާރުގެ އަނިޔާވެރިކަން ނިންމަން ނަމުގައި 2015 ވަނަ އަހަރު ބޭއްވި ބޮޑު މުޒާހަރާ
މޭޑޭ ފާހަގަކުރުމަށާއި ސަރުކާރުގެ އަނިޔާވެރިކަން ނިންމަން ނަމުގައި 2015 ވަނަ އަހަރު ބޭއްވި ބޮޑު މުޒާހަރާ
ޓްވިޓަރ
މޭޑޭ
މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން
މޭޑޭ 2015 ގެ މުޒަހާރާ އަކީ މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ
އެ މުޒާހަރާއާ ގުޅިގެން އިދިކޮޅު ބައެއް ލީޑަރުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލި
އަމީނާއި އަލީ ވަހީދު އިނގިރޭސި ވިލާތަށް އަމިއްލަށް އަރުވާލެވުނު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، ހައްގުތައް ހޯދުމަށްޓަކައި، މެއި 1، 2015 ވަނަ  ދުވަހު ދިވެހި ރައްޔިތުން މުޒާހަރާއަށް ނުކުތް ސަބަބު އަދިވެސް ބަދަލު ނުވާ ކަމަށާއި ސަފުތައް އަލުން ރުކުރުވާލަން ޖެހޭ ކަމަށް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހމް ވިދާޅުވެއްޖެ އެވެ.

އަމީން އާއި އެމްޑީޕީ އޭރުގެ ޗެއާޕާސަން އަލީ ވަހީދު، އަމިއްލަ އަށް އިނގިރޭސި ވިލާތަށް އަރުވާލެވިގެން ދިރިއުޅުއްވަމުން ގެންދަވަނީ، 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއާ ގުޅިގެން އެ ބޭފުޅުން ހައްޔަރުކުރުމުންނެވެ. އެ މުޒާހަރާއާ ގުޅިގެން އަމީން އާއި އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އެ ދުވަހު ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރަށް ވަނީ ޖަލަށް ލައިފަ އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ކުރި އެންމެ ބޮޑު މުޒާހަރާއަށް މިއަދު ދެ އަހަރު ފުރުމާ ގުޅިގެން، އަމީން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އަނިޔާވެރިކަން ނިންމަން މޭޑޭގައި ނުކުތް ސަބަބު ބަދަލު ނުވެ ހައްތަހާ ވެސް ކަންކަން ގޯސް ވަމުންދާ ކަމަށެވެ.

"[އެހެންވެ] އަޒުމް އާކޮށް ރައްޔިތުން އަލުން ސަފުތައް ރުކުރަވާލަމާތޯ،" އަމީން ވިދާޅުވެފައިވެ އެވެ.

"އަނިޔާވެރިކަން ނިންމަން" ޝިއާރުގެ ދަށުން ކުރި އެ މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނާ ހަމައަށް ދިއުމުން، ސަލާމަތީ ހިދުމަތްތަކުން، ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލައި ގިނަ ބަޔަކު ހައްޔަރުކުރި އެވެ.
އެ މުޒާހަރާގައި ފުލުހުންނަށް ވެސް އަނިޔާކުރިކަން ސާބިތުވެ، ބައެއް މީހުން ޖަލަށްލި އެވެ. މިއީ ރާއްޖޭގެ ތާރީހްގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ އަޑު އުފުލި ދުވަހެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް