މިހާރު އޮތް އިލެކްޝަންސް ކޮމިޝަނުން ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށްޓަކައި ހުރިހާ ކަމެއް ކުރާނެ ކަމަށާއި، ވޯޓު އޮޅުވާލުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ހއ. ބާރަށުގައި ބޭއްވި ކެމްޕެން ޖަލްސާގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޝިފާޒް ވިދާޅުވީ މި މަހުގެ ހަ ވަނަ ދުވަހު ވޯޓުލުމަށް ނިކުންނައިރު، ދެ ކަމެއް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން މޫނަށް ބަލައިގެން ވޯޓު ނުދިނުމަށް ޝިފާޒް އެދިވަޑައިގެންނެވި އެވެ. އަދި ވޯޓު ދިނުމުގައި ތިލަފަތުގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް ޝިފާޒް ގޮވާލެއްވި އެވެ.
"އަޅުގަނޑުމެންގެ ޓީމްތައް ނިކުމެވަޑައިގެން ހުރިހާ ބޭފުޅުން ތިލަފަތަށް ވޯޓުދެއްވާތި. އެ ނޫންކަމެއް ތިޔަ ބޭފުޅުން އިހުތިޔާރު ނުކުރައްވާތި" އެއް ކެނޑިޑޭޓަކަށް ވޯޓުލިކަމުގައިވިޔަސް ވޯޓު ބާތިލް ނުވާގޮތަށް ސަރުކާރުން ފާސްކޮށްފައިވާ އިސްލާހަށް އިޝާރަތްކުރައްވާ ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވި އެވެ.
ސިފާޒް ވަނީ ދެވަނަ ކަމެއްގެ ގޮތުން ވޯޓުލާ ސަރަހައްދު ދޫކޮށް ނުދިޔުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ވޯޓުލާންޖެހޭނީ މެމްބަރުންގެ ކުރިމަތީގައިކަމަށާއި، ވޯޓު ފޮށި ބަންޑުންޖަހަންޖެހޭނީވެސް މެމްބަރުންގެ ކުރިމަތީގައިކަން ޔަޤީންކުރަންޖެހޭކަމަށް ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވޯޓު އޮޅުވާލުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވޯޓުލުމަށް ބޫތުކައިރިޔަށް މީހާ ހުއްޓޭ ވަގުތުވެސް އެކަމަށް އޭނާއަށް ފާރަވެރިވުމަށް ޝިފާޒު ގޮވާލެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖީބުން އިތުރު ކަރުދާސްކޮޅެއް ނަގާ ވޯޓު ފޮއްޓަށް ލުމަށް ސަރުކާރުން މަސައްކަތްކުރާކަމުގެ މައުލޫމާތުތަކެއް ވަނީ ލިބިވަޑައިގެންފަ ކަމަށެވެ.
" ވައްކަން ނުކުރާނެކަމަށް އާޅުގަނޑުމެން ދެކިގެން ނުވާނެ. މިހާރު މި އޮތް އިލެކްޝަންސް ކޮމިޝަނުން އަބްދުﷲ ޔާމީނަސް އިންތިހާބު ހޯދައިދިނުމަށް ނުކުރާނެ އެންމެ ވައްކަމެއްވެސް ނޯންނާނެ" ޝިފާޒް ވިދާޅުވި އެވެ.