Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 04:36
މެންބަރު ހުސައިން މުހައްމަދު އެމްޑީޕީ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަނީ
މެންބަރު ހުސައިން މުހައްމަދު އެމްޑީޕީ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
އެމްޑީޕީ ކަންމަތީ ޖަލްސާ
ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު
ކައުންސިލް އިންތިހާބުގައި ވޯޓުލުމުގައި އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓު ލުމަށް ގޮވާލެއްވި
ހުސައިން މުހައްމަދު ވަނީ ސަރުކާރުން އަމަލުތަކަށް ފާޑުވިދާޅުވެފައި

ވެރިކަމުގައި ހުންނަ ފަރާތަކަށް ގައުމުގައި އިސްލާހު ކުރަންހުރި ކަންކަން ނޭންގި ރައްޔިތުންނާއި އެ ސުވާލު ކުރަން ޖެހުމަކީ ހާއިރާންވާންޖެހޭ ކަމެއް ކަމަށް ޖުމްހޫރީޕާޓީއަށް ނިސްބަތްވާ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

 

އެމްޑީޕީގެ ހެންވޭރު ދެކުނަށް ނިސްބަތްވާ ކައުންސިލް އިންތިހާބަށް ކުރިމަތިލައްވާ އިބްރާހިމް މަނިކުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އާދިއްތަ ދުވަހު ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން، ހުސައިން  ވިދާޅުވީ، މިގައުމުގައި ކަންކަން މިއަދު ހިނގަނީ، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި ކަންކަން ހިނގާ އުސޫލުން ބޭރުން ކަމަށެވެ.

 

އެގޮތުން، ސިޔާސީގޮތުން އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހައްޔަރުކޮށް، ސިޔާސީ ގޮތުން އެފަރާތްތަކަށް ކަންކަން ނުކުރެވޭނެ ގޮތްތައް ކުރިމަތި ކުރުވައި ފިއްތުންތަކާއި ބޮޑެތި ހުކުމްތައް ކުރަމުންގެންދާ ކަމަށް ހުސެއިން ވިދާޅުވިއެވެ.

 

ހުސައިން ވިދާޅުވީ، މެއި މަހުގެ ހަ ވަނަ ދުވަހަކީ ރައްޔިތުންނަށް ސަރުކާރުން ހިންގާ ކަންކަމާއި މެދު ދެކޭ ގޮތް ހާމަކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ. އަދި އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ހުސައިން ވިދާޅުވީ ގައުމުގައި ކަންކަން ހިނގާގޮތާމެދު ރައްޔިތުން ވަރަށް ފުރިހަމައަށް ވިސްނަން ޖެހިފައިވާ ކަމަށެވެ. ހުސައިން ވަނީ ރައީސް ޔާމީނު ގައުމުގައި އިސްލާހު ކުރަންވީ ކޮންކަމެއްތޯ، ރައްޔިތުންނާއި ސުވާލު ކުރުމާއި ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

 

"ހަގީގަތުގައި ވެރިކަމަށް ހުންނަ މީހަކު ކޮންކަމެއްހޭ ގައުމުގައި އިސްލާހު ކުރައްވަންވީ، މީ ކުރާ ކަހަލަ ސުވާލެއް ނޫން. ގައުމުގެ ކަންކަން އިސްލާހުކޮށް ކުރިއަށްގެންދިއުމާއި ރަގަޅު ކުރުމާއި ތަރައްގީ ކުރުމަށް ނޫންތޯ ވެރިޔަކު ހޮވާފަ ވަނީ. އޭނާއަށް އެކަން ނޭންގިގެން، ރައްޔިތުންނާއި ސުވާލު ކުރުމަކީ، ހާއިރާންވާންޖެހޭ ކަމެއް ނޫންތޯ." ހުސައިން ވިދާޅުވި އެވެ.

 

މެންބަރު ހުސައިން ވަނީ އަންނަ ކައުންސިލް އިންތިހާބުގައި ވޯޓުދިނުމުގައި ނާއިންސާފާއި އަނިޔާވެރިކަމަށް ވޯޓު ނުދިނުމަށް ވަނީ ގޮވާލައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް