ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ސަރުކާރު ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ތަނުން ބަލިކުރާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އަލީ ޝިޔާމް ވިދާޅުވެއްޖެ އެވެ.
ތ. މަޑިފުށީގައި ބޭއްވި އާދިއްތަ ދުވަހުގެރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ތަރައްޤީ ކުރާނީ އެމްޑީޕީން ކަމަށާއި މިނިޒާމް ތަރައްޤީ ކުރުމަށް ރައީސް ޔާމިންގެ ސަރުކާރު ބޮޑު ތަނުން ބަލިކުރާނެ ކަމަށެވެ.
އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނީ އެރަށެއްގައި ތިބެގެން ރައްޔިތު މީހާއަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ގެނައި ނިޒާމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމް އައި އިރު ރައީސް ޔާމިން ހުންނެވީ ކޮންތާކުތޯ ސުވާލު އުފައްދަވަމުން ޝިޔާމް ވިދާޅުވީ ރައްޔިތުން ކައިރިއަށް ގޮސް ވޯޓް ހޯދަން ރައީސް ޔާމިން ލަދުފުޅު ގަންނަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
ތަރައްޤީ ކިޔަނީ ވައްކަމަކަށް ނޫން ކަމަށާއި، ރާއްޖޭގެ ވެރިކަމުގައި ހުންނެވީ، މިހާތަނަށް ސަރުކާރުގެ ތެރޭގައި ހިނގި އެންމެ ބޮޑު ވައްކަން ހިނގާފައިވަނީ އެކަމިނުފާނުގެ ވެރިކަމުގައި ކަމަށް އިއުތިރާފްވެވަޑައިގަންނަވާފައި ބޭފުޅެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެހެންކަމުން އެމްޑީޕީގެ މެމްބަރުން ނިކުމެ ވޯޓް އަޅާ މިވެރިކަން ބަދަލުކުރާނެ ކަމަށް ވިދާޅުވެ އިންސާފަށް ލޯބިކުރާ އެއްވެސް ބޭފުޅަކު ވައްކަމާއި އެއްކޮޅަށް ވޯޓް ނުދެއްވުމަށް ޝިޔާމް އެދިވަޑައިގެންނެވި އެވެ.
ޝިޔާމް ވިދާޅުވީ މިއީ ރާއްޖޭގެ ފަޅުތައް ސަލާމަތް ކުރުމަށްދޭ ވޯޓެއް ކަމަށާއި، އެހެން ކަމުގެ ވޯޓު ލާން ނުކުމެ ވޯޓް ފޮށި ފުރާލާނަން އެބަޖެހޭ ކަމަށާއި، އަދި ވޯޓު ދިނުމުގައި މިއީ އަމާނާތެއް ކަމަށް ދެކިގެން ވޯޓް ދޭން ޖެހޭ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މަޑިފުށީގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާޒިރުވެފައެވެ.