ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 21:28
އޭސީސީ
އޭސީސީ
ސަން އޮންލައިން
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ
އޭޕްރީލް މަހުގެ ތެރޭގައި ރިޕޯޓް ނެރޭނެ ކަމަށް ބުނި
ތަހުގީގު ނިންމައި މެންބަރުންގެ މޭޒުގައި ރިޕޯޓް އޮންނަތާ އެތައް މަހެއް
މީގެ ކުރިން ވެސް އެތައް ފަހަރަކު މުއްދަތުތަކެއް ދިން

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ވަންނަންޖެހޭ އެތައް ބިލިއަން ރުފިޔާ އަކަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނައިބް ރައީސް މުއައްވިޒް ރަޝީދު  ވިދާޅުވީ މިހާރު އެ މައްސަލަ ވަނީ ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަރުހަލާގެ ތެރޭގައި ކަމަށެވެ.

 

މުއައްވިޒް ވިދާޅުވީ މިހާތަނަށް އޭސީސީ އިން ކުރިއަށް ގެންދިޔަ އެންމެ ބޮޑު ކޮރޮޕްޝަންގެ ތަހުގީގު ނިންމާ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުގެ ކުރިން ކުރިއަށް ގެންދާ މަޝްވަރާތައް ޕީޖީ އޮފީހުގެ ވަކީލުންނާއެކު އާދީއްތަ ދުވަހު ފަށާފައިވާ ކަމަށެވެ.

 

އޭސީސީ އިން ކުރިއަށް ގެންދާ ކޮންމެ ތަހުގީގެއް ނިމުމުން އެ މައްސަލައިގައި ދައުވާ ކުރުމަށް އެ މައްސަލަ އެއް ޕީޖީއަށް ފޮނުވުމުގެ ކުރިން އޭސީސީއާ ޕީޖީ އޮފީހުގެ ވަކީލުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް މުއައްވިޒް ވިދާޅުވިއެވެ.

 

މުއައްވިޒް ވިދާޅުވީ ޕީޖީގެ ވަކީލުންނާއިއެކު މަޝްވަރާ ކުރުމުގެ ބޭނުމަކީ އެ މައްސަލައަކާ ގުޅޭ މައުލޫމާތު ޕީޖީ އޮފީހުގެ ވަކީލުންނަށް ތަފްސީލް ކޮށްދިނުން ކަމަށެވެ.

 

އެމްއެމްޕީއާރުސީގެ ރިޕޯޓް އާންމުކުރާނެ ދުވަހާ ބެހޭ ގޮތުން ސުވާލު ކުރުމުން މުއައްވިޒް ވިދާޅުވީ ޕީޖީ އޮފީހާއެކު މިހާރު ކުރިއަށް ގެންދާ މަޝްވަރާތައް ނިމުމުން އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުމަށް ފަހު އެ ރިޕޯޓް މީޑިއާތަކަށް އާންމު ކުރާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނެ ވަކި ތާރީހެއް މުއައްވިޒް ވިދާޅެއް ނުވެއެވެ.

 

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މާޗް މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވަނީ އޭޕްރީލް މަހުގެ ތެރޭގައި ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް ނެރޭނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެގޮތަށް 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ވެސް އެ ރިޕޯޓް ވަރަށް އަވަހަށް ނެރޭނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

 

އެމްއެމްޕީއާރްސީ މެދުވެރިކޮށް 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވި އެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކި ފަރާތްތަކުން ބުނެފައި ވެއެވެ

 

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށް ލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެމްއެމްޕިއާރްސީން ދީފައި ވެއެވެ.

 

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓް ނުނެރެ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، އޭސީސީން ބުނަމުންދަނީ ތަހުގީގު ދިގުދެމިގެން ދިޔައީ، މިދިޔަ އަހަރު އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީއާއި އޭގެ ފަހުން ހާމަވި ކަންތައްތަކާއެކު އިތުރަށް ތަހުގީގުތައް ކުރަން ޖެހުމުން ކަމަށެވެ. ނަމަވެސް، އެކި ފަރާތްތަކުން ތުހުމަތު ކުރަމުންދާ ގޮތުގައި ރިޕޯޓް ލަސްވަނީ އޭސީސީގެ މައްޗަށް ހުރި ނުފޫޒުތަކެއްގެ ސަބަބުންނެވެ. އެގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ތަހުގީގު ޓީމުން މައްސަލަ ނިންމައި ކޮމިޝަންގެ މެންބަރުންނާ ހަވާލުކުރިތާ އެތައް މަހެއް ވެއްޖެ އެވެ.

- ކޮމެންޓް