ސަރުކާރުން ވެރިކަމަށް އައުމަށް ކުރި ވައުދު ތަކުގެ ތެރޭގައި ހިމެނޭ ބެޔަސް ނުބެޔަސް ދިހަހާސް ރުފިޔާ ދިނުމުގެ ބަދަލުގައި ސަރުކާރުން ދަނީ އެމަސްވެރިންނަށް އަނިޔާ ކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރ މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ އަންނަ މަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ނ ވެލިދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިޖަލްސާގައި ފަލާހް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ވައަދުވީ ރާއްޖޭގެ މަސްވެރިންނަށް ވަރަށް ގިނަ އިނާޔަތްތަކާއި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މިހާރު ފެނިގެން މިދަނީ ވަކި ހިސާބަކުން މުޅިން އެހެން ގޮތަކަށް އެވާހަކަތައް އަނބުރާލައި އެމަސްވެރިންނަށް "އަނިޔާ" ކުރަމުންދާ ތަން ކަމަށެވެ.
"ރާއްޖޭގެ ވެރިކަމާ ހަވާލުވަމުން ރާއްޖޭގެ މަސްވެރިންނަށް ވަރަށް ބޮޑެތި އިނާޔަތްތަކާއި ވަރަށް ބޮޑެތި އަހައްމިއްޔަތުކަން ދޭނެ ކަމަށް ބޮޑެތި ބެނާތަކުގައި ލިޔެފައިވޭ. އޭގެ ފަހުން މިބުނަނީ ކޮންމެވެސް ގެޖެޓެއް ހަރުކަރަން ޖެހޭ ކަމަށް. އޭގެފަހުން މިފެނުނީ ބޭނި މަސްކޮޅުވެސް ނުކިރާ ފޮނުވާލި ތަން. ރާއްޖޭގެ މަސްވެރިންނަށް ކުރާ އަނިޔާ ވަރަށް ސާފުކޮށް ފެނިގެން މިދިޔައީ. މިސަރުކާރު މިވަނީ ބޭލުނު ގޮތަކަށް ބާލަން ޖެހިފައި.އެކަމަށްޓަކއި ކުރަން ޖެހޭ ފުރަތަމަ ކަންތައް އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުން" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ރާއްޖޭގެ ބައިތުލް މާލުން އެތައް ބައިވަރު ފައިސާއަކަށް ޚިޔާނާތްތެރިވި ވާހަކަ އަޅުގަނޑުމެން އަޑުއެހިން ކަމަށާއި ވަކި ހިސާބަކުން އިވިގެން ދިޔައީ އެކަން ވަކި މީހަކާ ހިސާބުން ނިމޭ ކަމަށް ކަމަށެވެ.
ފަލާހް ވިދާޅުވީ އެމައްސަލަ ތަހުގީގްކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރިޕޯޓެއް މި އޭޕްރީލް މަސް ނިމުމުގެ ކުރިން ނެރޭނެ ކަމަށް ވިދާޅުވެފައިވާއިރު މިމަސް ނިމިގެންދާއިރުވެސް އެރިޕޯޓް އަދިވެސް ނުނެރޭ ކަމަށެވެ.
"އަޅުގަނޑުމެން އަޑު އެހީމު ރާއްޖޭގެ ބައިތުލް މާލުން އެތައް ބައިވަރު ފައިސާއަކަށް ޚިޔާނާތްތެރިވި ވާހަކަ. އެއަށްފަހު އޭސީސީން ބަލަމުން ގެންދަން ފެށީމަ ވިދާޅުވީ ތިމަންނަގެ އެކައުންޓުގެ ހުރިހާ ތަފްސީލެއް ދޭނަމޭ.އޭސީސީން ބުނަނީ މިމަސް ނިމުމުގެ ކުރިން އެރިޕޯޓް ހާމަކުރާނަމޭ.އަދިވެސް ނުކުރޭ ހާމައެއް. މީ އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ކަމެއް" ފަލާހް ވިދާޅުވިއެވެ.