Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 06:33
އެމްޑީޕީން ވެލިދޫގައި ބޭއްވި ޖަލްސާގައި ރޮޒައިނާ ވާހަކަ ދައްކަވަނީ
އެމްޑީޕީން ވެލިދޫގައި ބޭއްވި ޖަލްސާގައި ރޮޒައިނާ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ވެލިދޫ ޖަލްސާ
މި ސަރުކާރު ގެނައި މީހުން ސަރުކާރު ދޫކޮށްލާނީ ލައްކަ ކަންތައް ހިނގައިގެން: ރޮޒައިނާ
ތަރައްޤީގެ އެއްވެސް މަޝްރޫޢެއް އެއްވެސް މީހަކު ހުއްޓުވާކަށް ނޫޅޭ
ތަރައްޤީގެ މަޝްރޫޢު ހިންގާކަށް ސަރުކާރުން ދައްކާހާ މީހަކު ހޮވާކަށް ނުޖެހޭ
ސަރުކާރު ގެނައީ ތަރައްޤީ ކުރަން. ރައްޔިތުން ހޮވާ ލީޑަރަކާއެކު ސަރުކާރުން ޖެހޭނީ ތަރައްޤީ ކުރަން

މިހާރު މިއޮތް ރައީސް އަބްދުﷲ ޔާމީން ސަރުކާރު ގެނައުމަށް މަސައްކަތް ކުރި އެންމެން މިހާރު އެވަނީ ސަރުކާރު ދޫކޮށްލާފައި ކަމަށާއި އެ މީހުން ސަރުކާރު ދޫކޮށްލާނީ  ވަރަށް ގިނަ ކަންކަން ސަރުކާރުގެ ތެރޭގައި ނުރަނގަޅުކޮށް ހިނގުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އަންނަ މަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ނ ވެލިދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި ރޮޒައިނާ ވިދާޅުވީ މި ސަރުކާރު ގެނައި ހުރިހާ ލީޑަރުން ކަހަލަ ގޮތަކަށް މިހާރު އެވަނީ ސަރުކާރު ދޫކޮށްލާފައި ކަމަށާއި އެމީހުން ސަރުކާރު ދޫކޮށްލާ އިސްލާހީ މަސައްކަތާ ގުޅިވަޑައިގަތީ، އެމްޑީޕީން ބޭފުޅުންނަށް ރިޝްވަތު ދީގެން ނޫން ކަމަށެވެ. ޚާއްޞަކޮށް ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި ބުރަ މަސައްކަތެއް ކުރެއްވި އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން ސަރުކާރު ދޫކޮށްލައްވާ އިސްލާހީ މަސައްކަތާ ގުޅިވަޑައިގަންނަވާނީ ވަރަށް ގިނަ ކަންކަން ހިނގާފައި ވުމުން ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

"މިސަރުކާރު ގެނައުމަށްޓަކައި ހުރިހާ މަސައްކަތް ކުރެއްވި ލީޑަރުން ކޮބައިތޯ މިއަދު. އެބޭފުޅުން އެމްޑީޕީއާ އެކު މަސައްކަތް ކުރައްވަން ފެއްޓެވީ ރިޝްވަތު ދީގެނެއް ނޫން. އެބޭފުޅުން ނުކުމެ ވަޑައިގެންނެވީ "ބޮލާ ނުކަތައިގެން". ރައީސް ޔާމީން ދޫކޮށްލައިވާފައި އެމަނިކުފާނު ނުކުމެވަޑައިގަންނަވަން ޖެހޭނީ ހާދަ ކަންކަން ހިނގައިގެންނޭ." ރޮޒައިނާ ވިދާޅުުވިއެވެ.

ރޮޒައިނާ ވިދާޅުވީ ތަރައްޤީގެ މަސައްކަތް ކުރުމަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުދޭން ޖެހޭކަމަށް ބުނުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި ތަރައްޤީ ކުރުމަށް ސަރުކާރެއް ހޮވާފައިވާއިރު ސަރުކާރަށް ޖެހޭނީ ރައްޔިތުން ހޮވާ ބަޔަކާއެކު ތަރައްޤީ ކުރުމަށް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ސަރުކާރުން ތަރައްޤީ ކުރުމަށްޓަކައި ކުރާ އެއްވެސް ކަމަކަށް އެއްވެސް މީހަކު ހުރަހެއް ނާޅާނެ ކަމަށާއި މަޖިލީހުގެ ތެރެއިންވެސް އެފަދަ ތަރައްޤީގެ މަޝްރޫއަކަށް ހުރަސްއެޅުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"ކާކުތޯ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ހުރަސް އަޅަނީ. މަޖިލީހުގެ އެއްވެސް މެންބަރަކު ހުރަހެއް ނާޅާ. އެއްވެސް ޕްރޮޖެކްޓެއް މަޖިލީހުގެ މެންބަރަކުވެސް އަދި އެހެން މީހަކުވެސް ހުއްޓުވާފައެއް ނެތް. ސަރުކާރު ހޮވާފައި އޮތީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަން. ސަރުކާރަސް ޖެހޭނީ ރައްޔިތުން ހޮވާ ލީޑަރުންނާއެކު ތަރައްޤީގެ މަޝްރޫއު ހިންގަން. އެކަމަށްޓަކައި ސަރުކާރުން ދައްކާހާ މީހަކު ހޮވާކަށް ނުޖެހޭ" ރޮޒައިނާ ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް