ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 04:15
ތިނަދޫ ޖަލްސާގައި ހަސަން ލަތީފު ވާހަކަދައްކަވަނީ
ތިނަދޫ ޖަލްސާގައި ހަސަން ލަތީފު ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓ
ސިޔާސީ ލީޑަރުންނަށް ފިއްތުންތައް ކުރިމަތިވެފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުން: ހަސަން ލަތީފު
އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ނިންމާފަ
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ވިއްކުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެންނާނަން
ކޮރަޕްޝަނާއި ދެކޮޅަށް މުހިއްމު މަސައްކަތް ކުރެވޭނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިވެފައިވަނީ ކޮރަފްޝަނާއި ފަސާދައާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ހަސަން ލަތީފު ވިދާޅުވި، އިދިކޮޅު ސިޔާސީ ޕާޓީތަކުން ފަށާފައިވާ މަސައްކަތަކީ ވަރަށް މާތް މަގްސަދެއްގައި ކުރަމުންދާ އިސްލާހީ މަސައްކަތްތަކެއް ކަމަށެވެ. ހަސަން ވިދާޅުވީ، އެމްޑީޕީން ޖުމްހޫރީޕާޓީ އާއި އަދާލަތު ޕާޓީއާއި ޕީޕީއެމް އާއި ގުޅިގެން ފެށި މަސައްކަތަކީ ހަމަތަކާއި އުސޫލުތަކުގައި ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށިގެންދިޔަ މަސައްކަތެއް ކަމަށެވެ.

ހަސަން ލަތީފުގެ ވާހަކައިގައި ވަނީ، ހަތަރު ލީޑަރުން އެއްބަސްވި އެއްބަސްވުމުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވާފަ އެވެ.

ހަސަން ލަތީފު ވިދާޅުވީ، ގާނޫނު އަސާސީން ރައްޔިތުންނަށް މަހުރޫމުވެގެންދިއަ ހައްގުތައް ހޯދުމުގެ މަސައްކަތް ކުރުމަށް މި އެއްބަސްވުމުގެ ދަށުން ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ނުވިއްކޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަންކަމުގައި ޖަވާބުދާރީ ކުރުވުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

" ގާނޫނު އަސާސީއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފަ. މި ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމުގެ މަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ މަސައްކަތް ހާސިލްވާނެ." ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަން ހުއްޓުވުމަށް ގުޅިފައިވާ ހަތަރު ލީޑަރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ނާއިންސާފުން ސިޔާސީ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ 1700 އަށް ވުރެ ގިނަ މީހުންނަށް އިންސާފު ހޯދާދިނުމަށް މަސައްކަތް ކުރެއްވުމަށް ގުޅިފައިވާ ސިޔާސީ ލީޑަރުން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އާއި ގުޅޭ ގޮތުން ހަސަން ވިދާޅުވީ، އަންނަ މަހުގެ ހަ ވަނަ ދުވަހު ލާ ވޯޓަކީ ރައްޔިތުން ދެކޭގޮތް މުޅި ދުނިޔެއަށް ދައްކާލުމަށް ދެވޭ ވޯޓެއް ކަމަށެވެ.

"މި މެއި މަހުގެ 6 ވަނަ ދުވަހަކީ ވަރަށް މުހިއްމު ދުވަހެއް. އަޅުގަނޑުމެން މި ލާ ވޯޓަކީ ވަރަށް ގިނަ ވާހަކަތަކެއް މުޅި ދުނިޔެއަށް ކިޔާދޭ ދުވަހެއް. ރައީސް ޔާމީނުގެ ކެންޑީޑޭޓުންނަށް ނޫނެކޭ ބުނުމަކީ ގުޅިފައިވާ ކެންޑިޑޭޓުން ވަރަށް އުންމީދު ކުރައްވާ ކަމެއް." ހަސަން ވިދާޅުވި އެވެ.

މިއަދު މިގައުމުގައި ރައީސް ޔާމީނަށް ތާއީދު ކުރާ މީހުން ވަރަށް މަދު ކަމަށާއި މިއަދު ގުޅިފައިވާ ހަތަރު ލީޑަރުން ކުރަމުން ގެންދާ މަސައްކަތަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރައްވާ މަސައްކަތް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އަދި އެ ހަތަރު ލީޑަރުންނަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުރިމަތިވެފައިވަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުން ކަމަށް ހަސަން ވިދާޅުވި އެވެ.

- ކޮމެންޓް