ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 21:57
ގާސިމް އިބްރާހިމް - ކޯޓުގައި އޮތް އަޑު އެހުމަކަށް ވަޑައިގަންނަވަނީ
ގާސިމް އިބްރާހިމް - ކޯޓުގައި އޮތް އަޑު އެހުމަކަށް ވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ގާސިމް ހައްޔަރު ކުރުން
ގާސިމް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑައެހުން މާދަމާ
ގާސިމް އަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ 15 ދުވަހަށް
މީގެ ކުރިން ގާނޫނާ ޚިލާފަށް ގާސިމް ހައްޔަރުކުރި
ގާސިމްގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ތިން މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބަންދުކުރި މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުން ހައިކޯޓުގައި މާދަމާ އަށް ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ގާސިމްގެ ބަންދަށް 15 ދުވަސް ޖެހި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ހައިކޯޓުގައި ތާވަލް ކޮށްފައި ވަނީ އާދީއްތަ ދުވަހު މެންދުރު 1:45 އަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ގާސިމް ހައްޔަރު ކޮށްފައިވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 12:20 ހާއިރު އެވެ. ގާސިމް ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ގާސިމްގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ގާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނެރުއްވި އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައިވެ އެވެ.

މީގެ ކުރިން މިމަހުގެ ހަ ވަނަ ދުވަހު ވެސް ގާސިމް ހައްޔަރުކުރި އެވެ. އެ ފަހަރު ގާސިމް ހައްޔަރުކޮށް، ބަންދުގައި ހަ ދުވަހު ބެހެއްޓުމަށް ކޯޓުން އަމުރު ކުރި ނަމަވެސް، ހައި ކޯޓުން ވަނީ ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް މިނިވަން ކޮށްފަ އެވެ.

ގާސިމް ދޫކޮށްލުމަށް މިމަހުގެ 12 ވަނަ ދުވަހު ހައިކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ، ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ވާތީ މިހިނދަށް ދޫކޮށްލުމަށް އަމުރު ކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.

- ކޮމެންޓް