ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ކެނޑިޑޭޓް ޝާހީން މަހްމޫދު ހޮވައިދިނުމަށް މަހްލޫފް އެދިވަޑައިގެންފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފު ހޮނިހިރު ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ޕީޕީއެމްގައި ހުންނަވައިގެން ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވަން ޖެހުނީ، ގައުމުގެ ހާލަތު ބަދަލުވެ، ބޮޑެތި ކޮރަޕްޝަނާއި ޖަރީމާތައް ސަރުކާރުން ހިންގަން ފެށުމުން ކަމަށެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި އޭނާ ޖަލުގެ ކުޑަގޮޅިއަށްލާ އެތައް އަނިޔާއެއް ދެމުން ގެންދާކަމަށް މަހްލޫފު ވިދާޅުވި އެވެ. އެހެންނަމަވެސް ދާއިރާއާއި ދިވެހި ރައްޔިތުންގެ ހައްގުގައި އޭނާކުރަމުންދާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެކަން ޔަގީންކޮށްދޭކަމަށް މަޚްލޫފް ވިދާޅުވި އެވެ.
"ސަރުކާރުން ހިންގަމުން ގެންދިޔަ ކަންކަމުގެ ބިރުވެރިކަމާއި ހަޑިމުޑުދާރުކަމުން ފާޅުގައި އެކަމާދެކޮޅަށް ތެދުވެ އަޑުއުފުލަން އަޅުގަނޑަށް މަޖުބޫރުވިއެވެ. އެ ދުވަހު އަޅުގަނޑު ދެއްކި ހުރިހާ ވާހަކައެއް ތެދު ހަޤީގަތަށް ވެފައިވާކަން އެއީ މިއަދު ފެންނަމުންދާ މަންޒަރެވެ. މިސިޓީ ކުރުކުރުމަށް ތަފްސީލަށް ދާކަށް ނެތީމެވެ" މަޚްލޫފްގެ ބަޔާނުގައިވެއެވެ.
މަޚްލޫފް ވިދާޅުވީ، މިސަރުކާރުގެ ބޮޑެތި ޖަރީމާތަކުގެ ވާހަކަ މީޑިޔާއަށް ތިލަކުރި ހިސާބުން، އޭނާ ޕީޕީއެމް އިން ވަކިކުރިކަމަށެވެ. ދެން ކުރަން ޖެހުނު މަސައްކަތުގެ ބިރުވެރިކަމާއި ބޮޑުކަމުން އަދި ތަކުރާރުކޮށް އެތައް ފަހަރަކު ޖަލުގެ ކުޑަ ގޮޅީގައި އޮންނަންޖެހުމުގެ ނަތީޖާއަކަށްވީ ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ނުކުރެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދުވެސް އަޅުގަނޑު މިސިޓީ ލިޔަން މަޖުބޫރުވެފައި މިވަނީ ޖަލުގެ ތޭރިތަކުގެ ތެރެއިން އަނބިދަރިންނާއި މައިންބަފައިންނާ ދުރުގައި އިނދެ ހިތްދަތި އެކަނިވެރި ހާލަތެއްގައެވެ. އަޅުގަނޑުގެ ކުށަކަށްވީ ޤާނޫނު އަސާސީގައި ކަށަވަރު ކޮށްދީފައިވާ ރައްޔިތުންގެ ހައްގުތައް ޔަޤީން ކޮށްދިނުމަށް މަސައްކަތް ކުރުމެވެ. ނަތީޖާއަކަށްވީ ހެއްކެއް ގަރީނާއެއްނެތި އަދި އަޅުގަނޑުގެ ފަރާތުން އެންމ ދިފާޢީ ހެއްކެއް ވެސް ހުށަހެޅުމުގެ ފުރުސަތު ނުދީ މި އަނިޔާވެރި ކަސްތޮޅުގައި ބަނދެލުމެވެ" މަޚްލޫފްގެ ބަޔާނުގައިވެއެވެ.