ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދަށް ހަމަލާދީ، އޭނާ މަރާލި މައްސަލަ ސަރުކާރަށް މުހިއްމު ކަމާއިމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ކުރީގެ ނައިބު ރައީސް އަޙުމަދު ތޮލާލް ސުވާލު އުފައްދަވައިފިއެވެ.
ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ތޮލާލް ވަނީ، ޔަމީންގެ މައްސަލަ ސަރުކާރަށް އެއްވެސް މިންވަރަކަށް މުހިއްމު ވާނަމަ، ސަރުކާރުން އެއްވެސް ފަރާތެއް މިހާތަނަށް ޔާމީންގެ އާއިލާ އާއި ބައްދަލު ނުކޮށް ވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން، ޔާމީންގެ ހަނދާނުގައި ބާއްވަމުންދާ އެކި ހަރަކާތްތަކުގައި ސަރުކާރުގެ އޮފިޝަލުން ބައިވެރި ނުވަނީ ކީއްވެތޯވެސް ތޮލާލް ވަނީ ސުވާލު އުފައްދަވާފައެވެ.
މިއީ ލަދުވެތި ކަމެއްގެ ގޮތުގައި ތޮލާލު ސިފަކުރައްވާފައެވެ.
If Yameen's murder is a serious issue, why hasn't any government official even visit his family and attend any of the events? Shameful
— Ahmed Tholal (@Tholman_79) April 29, 2017
ތޮލާލް މިފަދަ ސުވާލުތަކެއް އުފައްދަވާފައިވާއިރު، ސަރުކާރުގެ އެއްވެސް އޮފިޝަލަކު މިހާތަނަށް ޔާމީންގެ އާއިލާއާއި ބައްދަލުކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި ޔާމީންގެ ހަނދާނުގައި ކޮންމެ ދުވަހަކުހެން ބާއްވަމުންދާ އެކި ހަރަކާތްތަކުގައި ސަރުކާރުގެ އެއްވެސް އޮފިޝަލަކު މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ޔާމީންގެ މައްސަލައިގައި ސަރުކާރުން މިހާތަނަށް ސީދާ ބަހެއް ބުނެފައިވަނީ، ޔާމީން މަރާލި ދުވަހު ސަރުކާރުން ނެރުނު ބަޔާނެއްގައި އެކަންޏެވެ. އެ ބަޔާނުގައި ސަރުކާރުން ބުނެފައިވަނީ، ޔާމީންގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިއާއަށް ލިބުނު އުނި ކަމެއް ކަމަށާ، މިއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން މީޑީއާއަށް ދިން ހަމަލާއެއް ކަމަށެވެ.
ޔާމީން މަރާލުމުގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޭނާއަށް ލިބެމުންދިޔަ މަރުގެ އިންޒާރުތައް ފުލުހަށް ހުށައެޅަމުންދިޔަ އެވެ. ނަމަވެސް ރައްކާތެރިކަން ލިބިފައި ނެތް ކަމަށް ޔާމީން ޓްވިޓާގައި ބުނެފައިވެ އެވެ.