ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ގާނޫނު އިސްލާހްކޮށް ކައުންސިލްތަކުން ނިގުޅާއިގެންފައިވާ ގާނޫނީ ބާރުވެރިކަން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ޝިފާޒް މިގޮތަށް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތަތަށް ވަރުގަދަ ކުރުމަށް ހޮނިހިރު ދުވަހު ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުނެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު ކަރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ކައުންސިލްތަކުގެ ބާރުވެރިކަން ހަނިކޮށްފައިވާ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭނުންވަނީ އެރަށެއްގެ ތަރައްޤީގެ ކަންކަން އެރަށެއްގެ ކައުންސިލުން ނިންމުން ކަމަށްވާއިރު، މަޖިލީހުގެ ތެރެއިން ކައުންސިލްތަކަށް ގެއްލިފައިވާ ބާރުވެރިކަން ހޯދާއިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހުގެ ތެރެއިން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނަން ފެނިގެންދާނެ ކަމަށެވެ. ޝިފާޒް މިގޮތަށް ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެންކާ ވެސް އިދިކޮޅު ފަރާތަކުން ވައްދަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
މަސްވެރިކަން ކޮށްގެން ގިނަ ރައްޔިތުން އާންމުދަނީ ހޯދަމުން އަންނަ މަކުނުދޫން މިއަދު ފެނިގެންދަނީ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ތިބި މަންޒަރުކަމަށް ޝިފާޒް ވިދާޅުވިއެވެ. އެ ބަދަލަކީ ޕީޕީއެމް ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ ، އަދި އެމްޑީޕީ އެކުގައި މަސައްކަތް ކުރަން ފެށުމުގެ ނަތީޖާކަން ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މަކުނުދޫގައި ވޯޓުލުމުގެ ޙައްގު ލިބިފައި ވަނީ 1157 މީހުންނަށެވެ. އިންތިހާބުގައި އަށް ކެނޑިޑޭޓުން މަކުނަދޫ ކައުންސިލްގެ ގޮޑިތަކަށް ވަނީ ކުރިމަތިލާފައިވާއިރު، އެމްޑީޕީން ކުރިމަތިލާފައި ވަނީ ތިން ކެނޑިޑޭޓުންނެވެ.