ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގެ ތަޙުޤީޤު ނިންމައި، ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށައަޅާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައިގައި ދައުވާ ކޮށްދިނުން އެދި ޕީޖީ އޮފީހަށް ހުށައަޅާފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ކަމަށެވެ.
ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
އޭގެ އިތުރުން، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދެއްކުމުގެ އިތުރުން، މަސައްކަތްތެރިންގެ ޙައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭކަންވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.
ބޮޑުފިނޮޅުގައި ބިދޭސީން މުޒާހަރާ ކޮށްފައިވަނީ މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ. އެގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 09:30 ހާއިރު އެ ރިސޯޓުގައި މަސައްކަތް ކުރާ 15 ދިވެހިން ރިސޯޓުން ފޭބުމަށް މަސައްކަތް ކުރުމުން އެ ރިސޯޓުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު އެކަމަށް ހުރަސް އަޅާ، އެމީހުން ރިސޯޓުން ފޭބިޔަ ނުދިން ކަމުގައި މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކުރިއެވެ. އަދި، ލިބުނު މި މައުލޫމާތުތަކާއި ގުޅިގެން ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން އެ ރިސޯޓަށް ދިޔުމުން ބިދޭސީ މަސައްކަތްތެރިން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައެވެ. ރިސޯޓުގެ ބައެއް ސަރަހައްދުތަކުގައި ހުޅުޖަހާ، ގިނަ ސާމާނުތަކަކަށް ވަނީ ގެއްލުންދީފައެވެ.