މިދިޔަ އަހަރު އިމިގްރޭޝަނުން 71،000 ވުރެން ގިނަ ވިސާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އެ އިދާރާ އިން ބުނީ މިދިޔަ އަހަރު ޖުމްލަ 71،777 ވިސާ ދޫކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 64،235 ވާރކް ވިސާ ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި މާލެ ސަރަޙައްދަށް 63081 ވީސާ އާއި އަތޮޅުތެރޭގެ ރަށްރަށަށް 1154 ވީސާ ދޫކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަންއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ވާރކް ވީސާގެ އިތުރުން ވިޔަފާރިއަށް ނުވަތަ ބިޒްނަސް ވީސާގެ ގޮތުގައި 3587 ވީސާ ދޫކޮށްފައެވެ. އަދި ސްޓޫޑެންޓް ވީސާގެ ގޮތުގައި 648 ވީސާ ދޫކޮށްފައިވާއިރު، ޑިޕެންޑެންޓް ވީސާގެ ގޮތުގައި ދޫކޮށްފައިވަނީ 1909 ވިސާއެވެ. ސްޕެޝަލް ވީސާގެ ގޮތުގައި މިދިޔަ އަހަރު އިމިގްރޭޝަން އިން ދޫކޮށްފައިވަނީ 310 ވީސާއެވެ. މީގެ އިތުރުން އެހެނިހެން ބޭނުންތަކަށް އިމިގްރޭޝަން އިން 1088 ވީސާ ވަނީ ދޫކޮށްފައެވެ.
މިދިޔަ އަހަރު އިމިގްރޭޝަނުން ގިނަ އަދަދަކަށް ވިސާ ދޫކޮށްފައިވާއިރު އިމިގްރޭޝަންއިން "އިމުގާ" މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ވަނީ އިތުރުކޮށްފައެވެ. އެގޮތުން އެހެން ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތަކުން އިމިގްރޭޝަން އަށް އެކިއެކި ކަންކަމުގައި ހުށަހަޅާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް ހުށަހެޅޭނެ ގޮތް ވަނީ ހަދާފައެވެ.
އަދި ކަނޑުމަގުން ދަތުރުކުރާ އުޅަނދު ފަހަރަށް ސައިން އޮން ވުމާއި، އުޅަނދުފަހަރުން ސައިން އޮފް ވުމާއި އަދި ކްރޫ ޓްރާންސްފަރ ޚިދުމަތް ޕޯރޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުން، އެ ފޯމުތައް ޕްރޮސެސް ކުރުމަށްފަހު، ޚިދުމަތަށް އެދިލެއްވި ފަރާތްތަކަށް އެދިލެއްވި ޚިދުމަތާއި ގުޅޭ ގޮތުން ދެން އަމަލު ކުރަންވީ ގޮތުގެ އިރުޝާދުތަކަށްވެސް އިމުގާ މެދުވެރިކޮށް ލިބޭ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ވާރކް ވީސާ ފިޔަވައި އެހެނިހެން ވީސާ އެޕްލިކޭޝަން ފޯމާއި، ރައްޓެހީންނަށް ޒިޔާރަތް ކުރުމަށް ނުވަތަ ޑިޕެންޑެންޓުންގެ ގޮތުގައި އަންނަ ފަރާތްތައް ނުވަތަ ދިވެއްސަކާއި ކައިވެނި ކުރުންފަދަ ބޭނުންތަކަށް ރާއްޖެ ގެންނަ ފަރާތްތައް ގެނައުމަށް ސްޕޮންސަރޝިޕް ޑިކްލަރޭޝަން ފޯމު ހުށައެޅޭނެ ކަމަށާއި އަދި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުން، ޚިދުމަތަށް އެދުނު ފަރާތްތަކުން ހުށަހެޅި އެޕްލިކޭޝަން ޕްރޮސެސް ކުރުމަށްފަހު، އަމަލް ކުރަންވީގޮތް ވެސް ޕޯޓަލް މެދުވެރިކޮށް އަންގައިދެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ކޮވިޑް-19 ގެ ހާލަތުގައި ސަރުކާރުގެ ގިނަ ކުންފުނިތަކުން ހިދުމަތް ދެމުން ގެންދިޔައީ އޮންލައިންކޮށެވެ.