ކ. މާލެ
|
12 ޖެނުއަރީ 2021 | އަންގާރަ 17:14
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު - ޖިހާދު ވަނީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ މަޤާމުވެސް ފުރުއްވާފައި
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު - ޖިހާދު ވަނީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ މަޤާމުވެސް ފުރުއްވާފައި
ރައީސް އޮފީސް
ޖިހާދު ފުރުން މަނާކުރި މައްސަލަ
ފުރުން މަނާކުރުމުން ޖިހާދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގެ ޙުކުމް ކުރުން މާދަމާ
އުފުލާފައިވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ
ފުރުމަށް ހަމަޖެހިފައިވާ ތާރީޚާއި، ދެކޮޅު ޓިކެޓުވެސް ޖިހާދުގެ ފަރާތުން ހުށަހަޅާފައިވޭ
ފުރުން މަނާކުރީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ބަޔާންކޮށްފައިވޭ

ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ފުރުން މަނާކޮށްފައި އޮތް އޮތުން ޖިހާދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ޙުކުމް ކުރަން ތައްޔާރުވެއްޖެއެވެ.

ހައި ކޯޓުން މައުލޫމާތުދޭ ގޮތުގައި މި މައްސަލައިގެ ޙުކުމް ކުރުމަށް ބާއްވާ އަޑުއެހުން އޮންނާނީ ޖެނުއަރީ 13 ވާ ބުދަ ދުވަހުގެ މެންދުރުފަހުއެވެ.

ޖިހާދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ ނިމިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މައްސަލައިގައި ޖިހާދުގެ ފަރާތުން އިސްތިއުނާފީ ހަތަރު ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެގޮތުން ޖިހާދުގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާއަކީ އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

ދެވަނަ ނުކުތާއެއްގެ ގޮތުން ޖިހާދުގެ ވަކީލުން ބުނެފައިވަނީ، އޭނާގެ މައްޗަށް ހުށައަޅާފައިވާ ދައުވާ އަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ ބޮޑު ކުށަކަށް ނުވާއިރު، އިސްތިއުނާފު ކޮށްފައިވާ އަމުރުގައި އެއީ ބޮޑު ކުށެއް ކަމުގައި އޮތް އޮތުންވެސް އެއީ ހުށަހެޅިފައިވާ ދައުވާއާ ޚިލާފަށް ޝަރީއަތުން ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުން ޖިހާދުގެ ފަރާތުން ވަނީ، ކްރިމިނަލް ކޯޓުގެ މި އަމުރަކީ ޤާނޫނޫ އަސާސީގެ 41 ވަނަ މާއްދާއިން ލިބިދޭ ދަތުރުފަތުރު ކުރުމުގެ އަސާސީ ޙައްޤަށް އުނިކަން އަންނަ ފަދަ އަމުރެއްކަން ބަޔާންކުރައްވާފައެވެ. އަދި ފުރުމަށް ހަމަޖެހިފައިވާ ތާރީޚާއި، ދެކޮޅު ޓިކެޓުވެސް ޖިހާދުގެ ފަރާތުން ހުށައަޅާފައިވާކަން އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ.

ފަހު ނުކުތާއެއްގެ ގޮތުން ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ މި އަމުރު ނެރުމުގައި ޙަވާލާދީފައިވާ ހައި ކޯޓުގެ ގަޟިއްޔާ ތަތްބީޤު ކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ނުކުތާއެވެ.

ފުށިދިއްގަރުފަޅު މައްސަލައިގައި ދައުލަތުން ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙުޤީޤުކޮށް ދައުވާ ކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ. އަދި މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

- ކޮމެންޓް