2020 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ކުރިއެރުންތައް ފަހަތަށް ސޮއްސާލުމަށް ޖާގަ ނުދީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ފުރިހަމަ އަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.
މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވަނީ އެޗްޕީއޭ އާއި ޓޫރިޒަމްގެ ގައިޑުލައިންތަކަށް އަކުރުން އަކުރަށް ފިލިން ފިއްޔަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިން އުފުއްލަވަމުންގެންދަވާ ތަކުލީފަށާއި، ދެއްވާ އެއްބާރުލުމަށް ފަށްފަށުން ޝުކުރު އަދާކުރައްވާފައިވެއެވެ.
މިނިސްޓަރ މިގޮތަށް ޓުވީޓް ކުރައްވާފައިވާ އިރު، ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފާއިތުވި އަހަރަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު އެންމެ ފަހުރުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑް ލީޑިން ޑެސްޓިނޭޝަން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ލިބިފައިވާ އިރު، ރާއްޖެއަށް ވަނީ ޓޫރިޒަމް ސޭފްޓީ ސްޓޭމްޕް ވެސް ފާއިތުވި އަހަރު ލިބިފައެވެ. އަދި ރާއްޖޭގެ ގިނަ ރިސޯޓްތަކަށް ތަފާތު ގިނަ އެވޯޑްތައް ފާއިތުވި އަހަރު ލިބިފައިވާ އިރު، ބަލިމަނޑު ކަމުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް އައު މާކެޓްތަކެއް ވެސް ވަނީ ތައާރަފްވެފައެވެ.
ފާއިތުވި އަހަރު ސަރުކާރުން ކަނޑައަޅާފައިވާ 550،000 ފަތުރުވެރިންގެ ޓާގެޓު ހާސިލްވެފައިވާ އިރު، މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިންނެވެ.