އަނިޔާވެރި ގޮތަކަށް މަރާލި މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި ބެހޭގޮތުން އެނާގެ އާއިލާއިން ބައިނަލްއަގްވާމީ މީޑިޔާތަކަށް މައުލޫމާތު ފޯރުކޮށްދީފި އެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއިލާގެ ފަރާތުން ވާހަކަދައްކާފައި ވަނީ ޔާމީންގެ ބައްޕަ ހުސައިން ރަޝީދު އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އާއިލާގެ ފަރާތުން ޔާމީންގެ މަސައްކަތަށާއި ސޯޝަލް މީޑިޔާގައި ފާޅުކޮށްފައިވާ ޚިޔާލުތަކުގެ އިތުރުން، ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން ހޯދުމަށް އޭނާ ކޮށްފައިވާ މަސައްކަތަށް ބަލައިލާފައިވެ އެވެ. އަދި، ޔާމީންގެ މަރާއި މަރުގެ ހަގީގަތް ހޯދުމަށް މިނިވަން ތަހުގީގަކަށް ބޭނުންވާކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
ޔާމީން މަރާލުމުގެ ކުރިން އޭނާ އަށް ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުން އޭނާއަށް މަރުގެ އިންޒާރުދީފައިވާ ކަމަށް ހުސައިން ރަޝީދު ބުނެފައިވެ އެވެ. ޔާމީނަށް އެކި ގޮތްގޮތުން ލިބެމުން ދިޔަ މަރުގެ އިންޒާރުތައް އެތަށް ފަހަރެއްގެ މަތިން ފުލުހުންނަށް ރިޕޯޓުކޮށްފައިވީ ނަމަވެސް އެއާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަންވެސް އާއިލާއިން ވަނީ ފާހަގަކޮށްފަ އެވެ.
ޔާމީން ރަޝީދުގެ ހަނދާނުގައި މިއަދުވެސް ވަނީ އާޓިފިޝަލް ބީޗުގައި ހަރަކާތްތަކެއް ހިންގާފަ އެވެ.