މާލެ ސަރަހައްދުގައި ވިޔަފާރި މުދަލާއި ކޮންސްޓްރަކްޝަނަށް މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އާދިއްތަ ދުވަހުން ފެށިގެން މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް އަދި ބުރިޖުމަތިން މުދާ އުފުލުމުގަ އާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މާލެ އަދި ހުޅުމާލޭ ގައި މުދާ އުފުލަށް ގެނައި ބަދަލުތަކަކީ؛
- 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ހަމަޖެއްސުން.
- ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭގޮތަށް ހަމަޖެއްސުން.
- ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ އުފުލުން މަނާކުރުން.
- ހަވީރު 06:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭގޮތަށް ހަމަޖެއްސުން
ބުރިޖުމަތިން މުދާ އުފުލުމަށް ގެނައި ބަދަލަކީ؛
- ހުޅުމާލެއަށް މުދާ ގެންދިއުމަށް، 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން އުފުލޭގޮތަށް ހަމަޖެއްސުން (މިފަދަ އުޅަނދު ދަތުރުކުރަންވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުން)
- 2 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ހަވީރު 06:00 އިން ހެނދުނު 06:00 އަށް މުދާ އުފުލޭގޮތަށް ހަމަޖެއްސުން.
ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމަށް ގެނެވުނު ބަދަލުގެ ތެރޭގައި؛
- މާލެ، ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 06:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް ހަމަޖެއްސުން.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިގޮތަށް ހަމަޖެއްސި ނަމަވެސް، ސްކޫލް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި ސްކޫލު ހިމެނޭ ސަރަޙައްދުގައި މުދާ އުފުލާ އެއްވެސް އުޅަނދެއްގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށެވެ.