ރާއްޖެއިން އިތުރު 25 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ރާއްޖެއިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 15 މީހެއްވެސް ހިމެނޭ ކަމަށެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެއާއެކު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 14،065ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 701 އެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއިން އިތުރު 29 މީހަކު ވަނީ ބަލިން ރަނގަޅުވެސް ކުރެވިފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 13،308 އެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ޖުމުލަ އަދަދަކީ 338،864 އެވެ. އެއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ނަގާފައިވާ 2422 ސާމްޕަލްއާ އެކުގައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވެފައިވަނީ 49 މީހެކެވެ.
ރާއްޖޭގެ ޙާލަތަށް ބަލާއިރު، ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ހުކުރު ދުވަހުވެސް 34 މީހަކު ރާއްޖޭގެ ރިސޯޓުތަކުން ޕޮޒިޓިވްވެފައިވެއެވެ.