ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ޚަބަރާ ގުޅޭ މައްސަލަ ފުލުހުންނަށް ހުށައެޅިފައި ނުވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
ހުކުރު ދުވަހު ފުލުހުން ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ޙާދިސާގެ މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތް ކަމަށެވެ. އެހެންނަމަވެސް، އެ ރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތް ކޮށްފައިވާ ކަމަށް އެ އަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާކަން ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން ބުނީ، މީޑިއާގައި މި މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ލިބުނުއިރު، ތުހުމަތު ކުރެވޭ ފިރިހެންމީހާ ދިވެހިރާއްޖެއިން ފުރާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ޖިންސީ ކުށުގެ ޚަބަރުތައް މީޑިއާތަކުން ގެނެސްދިނުމުގައި އަނިޔާލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާނެގޮތަށް ޚަބަރުތައް ގެނެސް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ އިލްތިމާސްކުރަމެވެ.
މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގު ކުރަމުންނެވެ.