މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ބިއްލޫރި ޕެލެޓެއް ވެއްޓި ތާށިވި މީހާ ސަލާމަތްކޮށް، އޭނާއަށް ފަރުވާ ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފިއެވެ.
މި ޙާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފުން ބުނީ، އެމްޕީއެލްގައި ބިއްލޫރި ޕެލެޓުގަނޑެއް ވެއްޓި، މީހަކު ތާށިވިކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެރޭ 19:45 ހާއިރު ލިބުމުން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ޙަރަކާތްތެރިވެފައިވާ ކަމަށެވެ.
އެގޮތުން ޙާދިސާ ހިނގީ ކޮންޓެއިނަރ ތެރޭގައި ހުރި ބިއްލޫރި ޕެލެޓް އަރިއަޅާލައިގެން ވެއްޓުމުގެ ސަބަބުންކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ، ކޮންޓެއިނަރުގެ ބޭރު ކަފާލައިގެން އޭނާ ސަލާމަތް ކުރުމަށްފަހު، ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާ ސަލާމަތް ކުރެވިފައިވާކަން އެމްއެންޑީއެފުން ކަށަވަރު ކޮށްދެއްވާފައި ވަނީ ބުރާސްފަތި ދުވަހުގެރޭ 20:40 ހާއިރުއެވެ. އަދި ޙަދިސާ ހިނގި ގޮތް އިތުރަށް ބަލަމުންދާކަން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާޙިމް އަބްދުﷲ ވަނީ "ރާއްޖެއެމްވީ"އަށް ވިދާޅުވެފައެވެ.
މި ޙާދިސާގައި އިތުރު މީހަކަށްވެސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާވެސް އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން ފުލުހުން ފާހަގަ ކޮށްފައިވެއެވެ. މި ޙާދިސާ ހިނގި ތަނުގައި އެމްއެންޑީއެފް ގެ އިތުރުން ފުލުހުންނާއި ޕެރެމެޑިކްސް ޙަރަކާތްތެރިވެފައިވެއެވެ.