ނޫނު އަތޮޅުގައި އައިލެންޑް ކޮންސަވޭޝަން ޕްރެޖެކްޓް (އައި.ސީ.ޕީ) ގެ ފަރާތުން ޒުވާނުންނަށް ޙާއްސަ ތަމްރީނު ޕޮރޮގްރާމެއް ކަމުގައިވާ "އިކޯ ނަޓް" 6 ޖަނަވަރީގައި ނ. ޅޮހީގައި ފަށާފައެވެ.
މި ޕޮރޮގްރާމުގައި ސަރުކާރުގެ ކަމާއިބެހޭ އިދާރާތައް ކަމުގައިވާ އެންވަޔަރަންމަންޓް ޕޮރޮޓެކްޝަން އޭޖެންސީ އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ބޭފުޅުން އަދި އެކި ދާއިރާތަކުގެ މާހިރުން މި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޝަންތައް ނަންގަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން އެންވަޔަރަންމަންޓް ޕޮރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް މުހައްމަދު އާއި އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ޢާއިޝަތު ފަރާ އަލީ، މިނިސްޓަރީ އޮފް އެންވަޔަރަންމަންޓުގެ ޕްރޮޖެކްޓް ކޯޑިނޭޓަރ އަބްދުއްރަހީމް މުޙައްމަދު، ވިލިޖޯލި ޖަމިއްޔާގެ ފަރާތުން އަލްފާޟިލް ޝިހާބް މުޙައްމަދު، އަދި އެންޑެވަރ ޖަމިއްޔާގެ ފަރާތުން ޑރ. މިޒްނާ މުޙައްމަދު ފަދަ ބޭފުޅުން ތިމާވެއްޓާ ގުޅުން ހުރި އެކި މައުލޫތަކަށް އިލްމީ އަދި ފަންނީ މަޢުލޫމާތު ސެޝަންތަކެއް ބައިވެރިންނަށް ހިންގަވައި ދެއްވުމަށް ހަމަޖެހިފައިވެއެވެ.
އައިލެންޑް ކޮންސަވޭޝަން ޕްރެޖެކްޓުގެ ޑިރެކްޓަރ މުޙައްމަދު ޙޫދު ވިދާޅުވި ގޮތުގައި މި ތަމްރީން ޕްރޮގްރާމަކީ 15 އަހަރާ 21 އަހަރުގެ ޒުވާނުންނަށް ޙާއްސަކޮށްގެން ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ކޮންސަވޭޝަން ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގެ ވެށި އަދި ގުދުރަތީ ވަސީލަތްތައް ދިގު މުއްދަތަކަށް ރައްކާކޮށް ބެލެހެއްޓުމަށް ޒުވާނުން އަހުލުވެރިކޮށް ތަމްރީނުކުރުމަށާއި ތިމާވެށި ހިމާޔަތްކުރާނެ އައު ޒުވާން ޖީލެއް ބިނާ ކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ދަނީ އެމްބަސީ އޮފް ޔޫ.އެސް.އޭ އަދި އެމިރިކަން ސެންޓަރ މޯލްޑިވްސްގެ ދީލަތި އެހީތެރިކަމާއެކުގައެވެ.
މީގެ އިތުރުން ޕްރޮގްރާމުގެ ހިންގުމަށް ނ.ޅޮހީ ސްކޫލް، މިލަދުންމަޑުލު ދެކުނުބުރި ކައުންސިލް އަދި ސީޑަ ޖައްމިއްޔާގެ ފަރާތުން އަގުހުރި އެއްބާރުލެއްވުން އަދި އެހީތެރިކަން ދެއްވަމުން އަންނަކަން އައިލެންޑް ކޮންސަވޭޝަން ޕްރެޖެކްޓުގެ ފަރާތުން ފާހަގަކުރެއްވިއެވެ.