ސިފައިންގެ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި ބާއްވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިޑްރިލް ބާއްވާނީ މިއަދު ހަވީރު 16:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ.
މިޑްރިލް ބަލާލުމަށް ވީހާ ވެސް ގިނަ ބަޔަކު ސެންޓްރަލް ޕާކަށް ދިޔުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު އަހަރީ ދުވަހުގެ ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ. މިމަހުގެ 21 ވަނަ ދުވަހު ބޭއްވި މި ހިނގާލުން ބަލާލުމަށް ގިނަ ބަޔަކު މާލޭގެ މަގުތަކަށް އެއްވެފައިވެއެވެ.
ސިފައިންގެ 125 ވަނަ އަހަރީދުވަހުގެ ޝަރަފްގެ ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައެވެ.
މީގެ އިތުރުން ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ވެސް ވަނީ 21 އޭޕްރިލް ވަނަ ދުވަހުގެ ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށީގައި ބާއްވަފައެވެ.