ކޮވިޑް-19 އާއި ގުޅުންހުރި އެކި މަސައްކަތްތަކަށް މިދިޔަ އަހަރު ސަރުކާރުން 2.9 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 1,492.4 މިލިޔަން ރުފިޔާ އާއި ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް 1,395.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.
އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް އެންމެ ބޮޑު ޚަރަދެއް މިހާތަނަށް ކޮށްފައިވާއިރު، އެ އިދާރާއިން އެކަނިވެސް 868 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ. އަދި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ޚަރަދުކޮށްފައި ވަނީ 10.5 މިލިޔަން ރުފިޔާއެވެ.
މީގެ އިތުރުން އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާއި ގުޅިގެން 88.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހެލްތު މިނިސްޓްރީން ޚަރަދުކޮށްފައި ވަނީ 273.4 މިލިޔަން ރުފިޔާއެވެ.
ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ޚަރަދުތަކުގެ ތެރެއިން ޕްލޭނިންގ މިނިސްޓްރީން ވަނީ 37.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. ފޮރިންގ މިނިސްޓްރީން 6.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޖެންޑަރ މިނިސްޓްރީން ޚަރަދުކޮށްފައި ވަނީ 3.7 މިލިޔަން ރުފިޔާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 3.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެމްއެންޑީއެފުން 42.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފުލުހުންގެ އިދާރާއިން ޚަރަދުކޮށްފައިވަނީ 31.2 މިލިޔަން ރުފިޔާއެވެ. އަދި އިމިގްރޭޝަން މެދުވެރިކޮށް ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ނެޝަނަލް ޑްރަގް އެޖެންސީން 1.2 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް ފިނޭންސުން ބުނެއެވެ.
މީގެ އިތުރުން ޑިޒާސްޓަރ މެނޭޖުމެންޓް ފަންޑުން މިހާތަނަށް 84.06 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ޚަރަދުކޮށްފައި ވަނީ 29 މިލިޔަން ރުފިޔާއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސިއްހީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސްއަށް 561.6 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ކެޕިޓަލް އިކުއިޕްމެންޓަށް 200.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮޕަރޭޝަނަލް ސަރވިސަސްއަށް ހަޚަރަދުކޮށްފައި ވަނީ 184.4 މިލިޔަން ރުފިޔާއެވެ.
ކޮވިޑް-19 އަށް ސަރުކާރުން ކުރި ޚަރަދުތަކުގެ ތެރެއިން ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްއަށް ހޭދަކޮށްފައިވަނީ 122.2 މިލިޔަން ރުފިޔާއެވެ. ސަޕްލައިސް އަދި ރިކުއިސިޓްސްއަށް 92.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 91.0 މިލިޔަން ރުފިޔާއެވެ.
ދައުލަތުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 221.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް 924.5 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ރިސޯޓުތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 578.5 މިލިޔަން ރުފިޔާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ 346 މިލިޔަން ރުފިޔާއެވެ.