2017 ވަނަ އަހަރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެތައް މިލިއަން ރުފިޔާއެއްގެ ފައިސާއާއި ގުޅުންހުރި ލިޔެކިޔުންތަކެއް ގެއްލިފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންދައްކައިފިއެވެ.
ހެލްތް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިނިސްޓްރީގެ ދަށުން ހިންގާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސާރވާރގެ ބެކްއަޕް ނަގާފައި ނުވާއިރު، 20 ޑިސެންބަރު 2017 ވަނަ ދުވަހު އެ އިދާރާގެ ސާރވާއަށް ދިމާވި މައްސަލައަކާއި ގުޅިގެން ސާރވާރގައި ރައްކާ ކުރެވިފައިވާ ފައިސާއާއިގުޅުން ހުރި މުހިންމު މަޢުލޫމާތުތާއި، މުވައްޒަފުންގެ މުސާރައާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ގެއްލިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ސާރވާއަށް މައްސަލަ ދިމާވުމުގެ ކުރިން، 2016 ވަނަ އަހަރުގެ އޮޑިޓްގެ ތެރޭގައި ހޮސްޕިޓަލްގެ ފަރާތުން ފޯރުކޮށްދީފައިވާ ސިސްޓަމް ރިޕޯޓްތަކުގެ ތެރޭގައި 01 ޖެނުއަރީ 2017 އިން 11 ޖޫން 2017 ގެ ނިޔަލަށް ސިސްޓަމުން ތައްޔާރު ކުރެވިފައިވާކޭޝް ބިލްތަކާއި ކްރެޑިޓް ބިލްތައް ހިމެނޭ ކަމަށެވެ.
މި ރިޕޯޓުން ދައްކާ ގޮތުން އެ މުއްދަތުގައި 1,157,052 (އެއް މިލިއަން އެއްސަތޭކަ ފަންސާސް ހަތް ހާސް ފަންސާސް ދޭއް) ރުފިޔާގެ ކޭޝް ބިލް ތައްޔާރު ކޮށްފައިވެއެވެ. އަދި 2017 ވަނަ އަހަރު ސިސްޓަމުން ތައްޔާރު ކުރެވުނު ރަސީދުތަކުގެ ކޮޕީތަކުގެ ތެރެއިން 12 ޖޫން 2017 އިން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް 1,976,469 (އެއް މިލިއަން ނުވަ ސަތޭކަ ހަތްދިހަ ހަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ނުވައެއް) ރުފިޔާގެ ކޭޝްބިލް ތައްޔާރުކޮށްފައިވާ ކަމަށް ދައްކާ ކަމަށެވެ. އެހެންކަމުން ކޭޝްބިލްތަކަށް 2017 ވަނައަހަރު ޖުމްލަ 3,133,521 (ތިން މިލިއަންއެއް ސަތޭކަ ތިރީސް ތިން ހާސް ފަސް ސަތޭކަ އެކާވީސް) ރުފިޔާ ބަލައިގަނެ ބޭންކަށް ޖަމާކޮށްފައިވާ ކަމަށެވެ.
ނަމަވެސް، 12 ޖޫން 2017 އިން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް ތައްޔާރު ކުރެވުނު ކޭޝް ބިލް ތަކުގައި ބައެއް ކޭޝްބިލްތައް މަދުކަމަށް ފާހަގަ ކުރެވިފައިވާތީއާއި، ކޭޝް ބިލްތަކުގެ ތެރެއިން ކެންސަލް ކުރެވިފައިވާ ކޭޝް ބިލްތަކުގެ މަޢުލޫމާތު ސިސްޓަމުން ގެއްލިފައިވާތީ، 2017 ވަނަ އަހަރު ހޮސްޕިޓަލުން ތައްޔާރު ކުރެވުނު ކޭޝް ބިލްތަކުގެ ޞައްޙަ އަދަދު ކަށަވަރުވެފައި ނުވާ ކަމަށެވެ. އަދި 01 ޖެނުއަރީ 2017 އިން 11 ޖޫން 2017 ގެ ނިޔަލަށް ސިސްޓަމުން އާސަންދައާއި، ސަރުކާރުގެ އެކި އިދާރާ ތަކަށާއި އަދި އަމިއްލަ ފަރާތްތަކަށް ޖުމްލަ 15,528,659 (ފަނަރަ މިލިއަން ފަސް ސަތޭކަ އަށާވީސް ހާސް ހަ ސަތޭކަ ފަންސާސްނުވައެއް) ރުފިޔާގެ ކްރެޑިޓް ބިލު ތައްޔާރު ކޮށްފައިވާކަމަށް ދެއްކި ނަމަވެސް، އެ ބިލްތަކަށް ފައިސާ ހޯދުމަށް އިންވޮއިސް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވިފައިވާކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށެވެ
މީގެ އިތުރުން، 2017 ވަނަ އަހަރާއި އޭގެ ކުރީގެ އަހަރުތަކުގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ ހާޒިރީ ރިކޯޑްތައް، ސާރވާރއަށް ދިމާވި މައްސަލައަކާއި ގުޅިގެން ގެއްލިފައިވާކަންވެސް ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުންއިންކަމުން، 2017 ވަނަ އަހަރު މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދީފައިވަނީ، އެ މުވައްޒަފުންގެ ފަރާތުން ހޮސްޕިޓަލަށް ލިބެންޖެހޭ ޚިދުމަތް ފުރިހަމައަށްލިބިގެންކަން ކަށަވަރު ނުކުރެވޭ ކަމަށެވެ.
މިކަންކަން އިސްލާހުކުރުމަށް ލަފާދީފައިވަ ގޮތަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 12.01 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންންދައުލަތުގެ އޮފީސްތަކުގެ ހިސާބުތަކުގެ ރިކޯޑުތައް، އިދާރީ ބޭނުންތަކަށާއި، އޮޑިޓްކުރަން ފަސޭހަވާނެގޮތަށް ތަރުތީބުންރައްކާތެރިކަމާއެކު، ރައްކާތެރި ތަނެއްގައި ބަހައްޓަމުން ގެންދެވުމަށް ދަންނަވަމެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތީން އިލެކްޓްރޯނިކް ޒަރީއާއިން ބަލަހައްޓާ ލިޔުންތަކުގެ ބެކަޕް ފައިލް މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ތަފާތު ދެތަނެއްގައި ރައްކާކޮށްފައި ބެހެއްޓުމަށްވެސް އަންގާފައިވެއެވެ.