ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓުގެ ގޮތުގައި ކަނޑައަޅާފައިވާ ލިސްޓަށް އުނިއިތުރެއް ނުގެނެސް އަލުން އާންމުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި، 31 އޮކްޓޫބަރު 2019 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު، އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުރާޖަޢާ ކުރުމަށްފަހު، އެ ލިސްޓުތަކަށް އުނިއިތުރެއް ގެނައުމަށް މިހިނދަށް ނުފެންނަ ކަމަށް، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާ ލިބިފައިވާ ކަމަށެވެ. އެހެންކަމުން 31 އޮކްޓޫބަރު 2019 ގެ ތާރީޚުގައި ކަނޑައަޅައިފައިވާ ގޮތަށް ދެމެހެއްޓުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ.
ޓެރަރިސްޓް ޖަމާޢަތްތައް
1. އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
2. އަލް ޤައިދާ
3. ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
4. ލަޝްކަރޭ ޠައިބާ
5. އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
6. އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
7. އަބޫ ސައްޔާފް ގްރޫޕް
8. ބޮކޮ ހަރަމް/ ބޯކޯ ހަރަމް
9. އަލް ޝަބާބް
10. އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
12. ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
13. ޖައިޝޭ މުޙައްމަދު
14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
15. ނޭޝަނަލް ތައުޙީދް ޖަމާޢަތް
16. ޖަމާޢަތު މިއްލަތޭ އިބްރާހީމް
17. ވިލާޔަތް އަލް ސޭލާނީ
18. ހައިއަތު ތަހްރީރު އަލް ޝާމް
19. ހުއްރާސް އައް ދީން
ހަނގުރާމަވެރި ސަރަޙައްދުތައް
ސީރިޔާގެ ހުރިހާ ސަރަޙައްދެއް
2015 ވަނަ އަހަރު ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ވުޖޫދަށް ގެނައިއިރު އެގާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ނަމަވެސް ފަހުން އެ ގާނޫނަށް 2016 ވަނަ އަހަރުގައި ގެނައި އިސްލާހުގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތައް ރައީސް ކަނޑައެޅުއްވި ނަމަވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެ ކަމަށެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް މިސަރުކާރުން އިސްލާހު ހުށައެޅިއިރު އެގާނޫނުގެ 18 ވަނަ މާއްދާއަށް ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ބަދަލު ގެނައުމަށް ހުށައަޅާފައެވެ.
ސަރުކާރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާގޮތުން ޚާއްސަ ހުއްދައެއް ލިބިގެން ނޫނީ ރާއްޖެއިން ބޭރުގައި ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަކީ ކުށެކެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމަށް ގޮވާލުމާއި އެފަދަ ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ޚިޔާލެއް ފާޅުކުރުން؛ އަދި އެފަދައިން ފާޅުކުރާ ޚިޔާލު ރައްދުވާ ފަރާތުން އެ ޚިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާއަތަކަށް އެފަރާތުން ތާއީދުކުރުމަށް ހިތްވަރު ލިބިގަނެދާނެކަމާމެދު ފަރުވާލެއް ނެތި، އެ ޚިޔާލުފާޅުކުރުމަކީ ވެސް ކުށެކެވެ.
މި ގާނޫނުގައި ހަނގުރާމަވެރި ސަރަހައްދުތަކަކީ ކޮބައިކަން ރައީސް ކަނޑައަޅަން ޖެހޭނެ ކަމަށް ލާޒިމް ކުރެއެވެ. ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުމެވެ.