ސީއެމްބިއުލަންސް އަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި އެކްސިޑެންޓްވި ސީއެމްބިއުލަންސް ލޯންޗު ދަތުރުކުރަމުން ދިޔައީ މ. މުލިން ފުރައިގެންނެވެ. އަދި އެކްސިޑެންޓްވި ލޯންޗް ދަތުރުކުރަމުން ދިޔައީ މާލެ އިން ފުރައިގެންނެވެ.
މި ދެ ލޯންޗް އެކްސިޑެންޓް ވެފައި ވަނީ އިތާފުށި ރިސޯޓު ކައިރިން ކަމަށާއި، އެކްސިޑެންޓްގައި ދެ ލޯންޗުގައި ތިބި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެގޮތުން ހާދިސާ ހިނގި އިރު ސީއެމްބިއުލަންސް ލޯންޗުގައި އަށް މީހުން ތިބި ކަމަށާއި މީގެ ތެރެއިން ދެ މީހަކައަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެކްސިޑެންޓްވި އަނެއް ލޯންޗުގައި ތިބި ދެ މީހުންގެ ތެރެއިން ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އެމްއެންޑީއެފް ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ އެކްސިޑެންޓް މައުލޫމާތު އެއިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 01:00 ހާއިރު ކަމަށާއި ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އިތުރު ސީއެމްބިއުލަންސް އެއްވެސް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ގޮސްފައެވެ.