ދަނޑުވެރި ރަށްރަށަށް ހާއްސަކޮށްގެން ކުނިން ގަސް ކާނާ އުފެއްދުމުގެ މަސައްކަތް ކުރުމަކީ މިއަހަރަށް ކަނޑައަޅާފައިވާ އެއް އަމާޒުކަމަށް ވޭސްޓް މޭނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީ އާދަމް ވިދާޅުވީ ރާއްޖޭގެ ދަނޑުވެރި ރަށްރަށުގައި ކުނިން ގަސް ކާނާ އުފެއްދުމުގެ މަސައްކަތަކީ ނިމިދިޔަ 2020 ވަނަ އަހަރު ކުރަން އަމާޒުކުރި ކަމެއް ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މިކަން ހާސިލްނުކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މިއަހަރު މި ކަންތައް ކުރިއަށް ގެންދަން މަސައްކަތްކުރަމުން ގެންދާ ކަމަށާއި އަމާޒަކީ މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ފަސް ރަށެއްގައި މި މަސައްކަތް ފެށުން ކަމަށެވެ.
އެގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑީ އާދަމް ވަނީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުނިން ގަސް ކާނާ އުފެއްދުމުގެ މަސައްކަތް ކުރާނެ ފަސް ރަށެއް ކަނޑައަޅައި ދެ ރަށެއްގެ ކައުންސިލާއި ވާހަކަދައްކަވަމުން ދާކަމަށް ވިދާޅުވެފައެވެ.
މި އަމާޒަށް މިއަހަރު ވާސިލް ވެވޭނެ ކަމަށް ފާހަގަކުރައްވާ އެމްޑީ އާދަމް ވަނީ ވެމްކޯއިން މިހާރު ދަނީ ރަށްރަށުގައި އުފެދޭ ކުނި އެރަށެއްގައި ނައްތާލައި އަދި އަލުން ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް ކުނި މެނޭޖުކުރުވޭނެ މޮޑަލްއެއް ތައާރަފްކުރުމަށް މަސައްކަތްކުރަމުން ކަމަށް ވިދާޅުވެފައެވެ. އަމާޒަކީ ދަނޑުވެރި ރަށްރަށާއި ބިމުގެ ގޮތުން އާބާދީ ބޮޑެތި ރަށްރަށަށް ދިމާވެފައިވާ ކުނި މެނޭޖުކުރުމުގެ މައްސަލައަށް ހައްލު ހޯދާދިނުން ކަމަށް އެމްޑީ ވިދާޅުވިއެވެ.
ވެމްކޯގެ އެމްޑީ ވަނީ މިފަދަ ގިނަ ކަންތައްތަކެއް ރާވައި، ކުރިއަށްގެންދަން މަސައްކަތްކުރި ނަމަވެސް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި މިކަންތައްތައް ކުރިއަށް ނުގެންދެވޭ ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައިި ގިނަ އަހަރުތަކެއް ވަންދެން ނައްތާނުލެވި ހުރި ކުނީގެ ފަރުބަދަތައް ނައްތާލުމަކީވެސް ފާއިތުވި އަހަރު ވެމްކޯއިން އަމާޒުހިފި ކަމެއް ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރުކުރުމަށް ދިމާވި ގޮންޖެހުންތަކާއި އެކު މި މަސައްކަތްތައް ކުރިއަށް ގެންދެވިފައި ނުވާކަމަށް އެމްޑީ އާދަމް ވިދާޅުވިއެވެ.
އެމްޑީ ވިދާޅުވީ ފާއިތުވި އަހަރު ވެމްކޯއިން އަމާޒުކޮށްފައި ވަނީ ފަސް ސަރަހައްދަކަށް ބަހާލައިގެން ގިނަ ދުވަސްތަކެއް ވަންދެން ޖަމާވެފައި ހުރި ކުނި ނައްތާލުމުގެ މަސައްކަތް އެއްފަހަރާ ކުރިއަށް ގެންދިއުން ކަމަށެވެ. މިއަހަރުވެސް މިމަސައްކަތް ކުރިއަށް ގެންދިއުމަށް ވެމްކޯއިން އޮތީ ތައްޔާރަށް ކަމަށާއި މިނިސްޓްރީ އޮފް އެންވަޔަރަމެންޓާއި ކަމާ ގުޅުންހުރި އިތުރު އިދާރާތަކުން ނިންމަންޖެހޭ ކަންތައް ނިންމުމާއި އެކު ވެމްކޯއިން މަސައްކަތް ފަށާނެ ކަމަށް އާދަމް ވިދާޅުވިއެވެ.
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީ އާދަމް ވަނީ ފާއިތުވި އަހަރު ދިމާވި ގިނަ ގޮންޖެހުންތަކާއި އެކު ވެމްކޯގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިވެ ބައެއް ހިދުމަތްތައް މެދުކެނޑުނު ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހުއްޓާނުލައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވާފައެވެ.