ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 21:50
ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް
ރައީސް އޮފީސް
ޖިންސީ ގޯނާ ކުރި މައްސަލަ
ޖިންސީ ގޯނާ ކުރި މައްސަލަ ދެ ކޯޓުން ބޭރުކޮށްލުމުން އެންމެފަހުން ސުޕްރީމް ކޯޓަށް
މައްސަލަ ބޭރުކޮށްފައިވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުން

ނުކުޅެދުންތެރިކަަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ކްރިމިނަލް ކޯޓާއި ހައިކޯޓުން ބޭރު ކޮށްލުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިއީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކަށްވާއިރު އެ މީހާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައެޅުމުން އެ ކޯޓުން ވަނީ މައްސަލާގައި އަނިޔާ ލިބުނު މީހަކީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދޭ ލިޔުމެއް ހުށައަޅާފައި ނެތުމުން ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފައެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ވަނީ އެ ނިންމުން ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓްގެ ތިން ފަނޑިޔާރުން ބެލި މައްސަލާގައި ކްރިމިނަލް ކޯޓްގެ ނިންމުމަށް ވަނީ ތާއީދުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މައްސަލަ ހައިކޯޓުން ނިންމެވި ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދޭ ލިޔުމެއް ހުށައަޅާފައި ނެތުމުން ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފައިވުމުން ލިބުމާއި ބެހޭ ސުވާލެއްކަން ފާހަގަކުރައްވާ ޝަމީމު ވިދާޅުވީ ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ ކަަމަށެވެ. އަދި ސާބިތުކަމާއެކު ގޮތް ދޫނުކޮށް އިންސާފު ޤާއިމު ކުރުމުގައި ކުރިއަށް ވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަަ ހައިކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް، އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

- ކޮމެންޓް
4 ޖެނުއަރީ 2021 | ހޯމަ 23:48
ތިމަންނަ
ކަންބޮޑު ނުވޭ އަންޑަސް ކޯޓާ ޕެޓީ ކޯޓްވެސް އަދި އެބައޮތް