އެކެޑެމިކް ކަލަންޑަރުގައިވާ ފަދައިން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ޖެނުއަރީ 10 ގައި ކިޔެވުން ފެށޭނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކަމަށެވެ. އަދި ނިއުނޯމަލުގެ ގައިޑްލައިންގެ ދަށުން ސްކޫލްތަކުގެ ކިޔެވުން ކުރިއަށްގެންދާނީ ކުދިން ސްކޫލަށް ގެންގޮސްގެން ކަމަށްވެސް ވަނީ ބުނެފައެވެ.
ސްކޫލުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު ކޮވިޑް-19 އާއި ގުޅިގެން، ޕްރީސްކޫލުތައް ސާފުކޮށް ޑިސްއިންފެކްޓް ކުރާނެ ގޮތުގެ ތަމްރީނު ސްކޫލުތަކުގެ ކަމާގުޅޭ މުވައްޒަފުންނަށް ވަނީ ދީފައެވެ. ހޯމަ ދުވަހު އެކި ސެޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި 103 މުވައްޒަފަކު ތަމްރީނު ފުރިހަމަ ކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ކިޔަވައި ދިނުން މެދުކަނޑާލުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޮންލައިންކޮށް ކިޔަވައި ދިނުމަށް ތަމްރީނު ފޯރުކޮށްދީފައެވެ. އެގޮތުން ޓެލި ކިލާސް މެދުވެރިކޮށް ކިޔަވައިދެއްވާ ޓީޗަރުންނަށް ޓީވީ މެދުވެރިކޮށް ކިޔަވައިދޭނީ ކިހިނެއްތޯ އަދި ފުލް ލޮކްޑައުނަކަށް ދިއުމުން ގޭގައި ތިބެގެން ކިޔަވައިދޭނެ ގޮތްތަކުގެ ތަމްރީނު ދެވިފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޮންލައިންކޮށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން 3،000 ޓީޗަރުންނަށް ބޭސިކް އޮރިއަންޓޭޝަން ދެވިފައިވާނެ ކަމަށެވެ.
ސްކޫލުތަކުގައި ދަރިވަރުން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މާސްކުއެޅުމާއި، ހުން ޗެކްކުރުމުގެ އިތުރުން އިޖުތިމާއީ ގައިދުރުކަމަށް މިއަހަރުވެސް ހާއްސަ ސަމާލުކަމެއްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.