ހަރުކަށި ފިކުރާއި ގުޅޭ ގޮތުން ތައްޔާރު ކުރި ރިޕޯޓާއި ގުޅިގެން ވަގުތުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ވަގުތު އޮންލައިންގައި 31 ޑިސެމްބަރު 2020 ގައި "ތަހުޤީޤު: އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ" މި ސުރުޙީގެ ދަށުން ޝާއިޢު ކޮށްފައިވާ ރިޕޯޓާ ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ލިބެމުންދާކަން އެ ނޫހުން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަަމެއް ކަަމަށެވެ. މިއީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމެއް ވެސް ވަނީ ބުނެފައެވެ.
މިނިވަންކަމާއެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ފަރުދަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤަކަަށްވީ ހިނދު، ޤާނޫނު އަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ހިޔާލެއް ފާޅުކުރުމުގެ ސަބަބުން ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، ބިރުދައްކާ އިންޒާރު ދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކި ކަހަލަ އިންޒާރާ ފުރައްސާރަތައް ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާތީ، މި އަމަލު އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ބަލައިގަތުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުންނާއި މީޑިއާ އާއި އެހެނިހެން ފަރާތްތަކުން ކުރާކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލު ކުރުމަކީ އެ ކުންސިލަށް ޤަނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަން ފާހަގަކޮށް މީޑިއާ ކައުންސިލުން ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި މައްސަލަ ހިނގާފައިވާ ގޮތް ބަލައި، ތަހުޤީޤުކޮށް ކަމުގެ ހަޤީޤަތް ހާމަކޮށްދީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް އެ ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.